ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ބެހޭގޮތުން މިއަދުމަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދުރާލާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެއާޕޯޓްތަކާ ހޮސްޕިޓަލުތަކުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ޙިއްޞާކުރެއްވިއެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމާއި، އަދި މި ވައިރަސްއަށް ޚާއްޞަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހަތަރު އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ޤާއިމުކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާކަމަށާއި، މިބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް ތިން އެންބިއުލަންސް މިހާރު ޚާއްޞަކުރެވިފައިވާކަމަށާއި، ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ޤައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރު ކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރިޒޯޓްތަކާއި ސަފާރީ އުޅަނދުތަކާއި އަދި އެ ނޫންވެސް ފަތުވެރިންނާ ގުޅޭ ޚިދުމަތްތައްދޭ ތަންތަނުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ވަނީ މިކަމާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާ އަދި ޓުއަރިޒަމް ދާއިރާގެ ކަމާބެހޭ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން އެއާޕޯޓްތަކުގައި ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ