އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަނީ

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނީ، ކުރިން އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ސަޢީދުގެ މައްޗަށް، ދަށު ކޯޓުތަކުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރުމުން، އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައި ވަނިކޮށެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް، ހައިކޯޓުގެ ދެ ފަނޑިޔާރަކު އައްޔަން ކުރަންވެސް ޖޭއެސްސީީން މިއަދު ވަނީ ދެ ނަންފުޅެއް ފޮނުވާފައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣަނީ މުޙައްމަދުގެ ނަންފުޅެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް ޖޭއެސްސީން ނިންމާފައިވާއިރު، އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ