އަބްދުﷲ ރިޔާޒާ ބެހޭގޮތުން ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް: އާއިލާ

ޖަލުގައި ބަންދުކޮށްފައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ތުހުމަތު ކޮށްފައިވާ މައްސަލާގައި ކަންހިނގާފައިވާގޮތާ ޚިލާފަށް ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށް އަބްދުﷲ ރިޔާޒުގެ އާއިލާއިން ބުނެފިއެވެ.
ހދ ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނަށް އެކިފަހަރު މަތިން ފުރުސަތު އެރުއްވި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނާއި އެއްގޮތަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ވެސް ކުރިމަތިވި ހަމަ އެފަދަ ހާލަތެއް ކަމަށެވެ. ތަފްސީލު ދެއްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ފޯން ދެއްވަން ފުލުހުން ދެންނެވުމުން އެކަމަށް އަބްދުﷲ ރިޔާޒް އެއްބަސްވެވަޑައި ނުގެންނެވި ކަމަށެވެ. އަދި ކޯޓު އަމުރަށް ފޯނު ދެއްވި އިރު ޕިންކޯޑްދެއްވީ ނުބައިކޮށްކަމަށާއި އެންމެ ފަހުން ކޯޓުގެ ތެރެއިން ފޯނު ހުޅުވައިދެއްވަން ޖެހުނީ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"އެންމެ ފުރަތަމަ ފުލުހުން ދެންނެވި ފޯނު ދެއްވަން، ފޯނު ދެއްވަން އެއްބަސްވެވަޑައި ނުގެންނެވި. ކޯޓުން އެންގީ ފޯނު ދޭށޭ، ފޯނު ދޭން އެއްބަސްނުވި. ދެން ފޯނު ދޭން މަޖުބޫރުވީމައި ފޯނު ދެއްވިއިރު ޕިން ކޯޑު ދެއްވީ ނުބައިކޮށް. ދެން ކޯޓުގައި ފޯނު ހުޅުވައިދެއްވަން ޖެހުނީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަބްދުﷲ ރިޔާޒަށް ވެސް ހުކުމެއް އައިސްފައިވަނީ އެކަންކަމަށް އިއުތިރާޒު ކުރެއްވުމުން ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ކުރިކަމެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ވެސް އެ ފޯނު ދެއްވި ނަމަ އެހުކުމެއް ނާންނާނެ،ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މިއިތުރުފުޅާގުޅިގެން އަބްދުﷲ ރިޔާޒުގެ އާއިލާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފޯނުގެ ޕިން ކޯޑު ދިނުމަށްވެސް ރިޔާޒު ވަނީ އިންކާރު ކުރައްވާފައި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. "އެއީ މިމައްސަލައިގައި ކަންހިނގާފައިވާގޮތާ ކަނޑައެޅިގެން ޚިލާފަށް އެމަނިކުފާނު (ރައީސް) ރައްޔިތުންނަށް އޮޅުވާލެއްވުމަށް ހައްދަވާފައިވާ އިތުރުފުޅެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ." ބަޔާނުގައި ވެއެވެ.
"ދެހާސް ސާތާރަވަނަ އަހަރު މާރިޗު ހަތާވީސް ވަނަ ދުވަހު ޢަބްދުﷲ ރިޔާޒްގެ މައްޗަށް ފުލުހުން ޖިނާއީ ތުހުމަތެއް އުފުލާ ކޯޓު އަމުރަކާ އެކު އައިސް ޢަބްދުﷲ ރިޔާޒްގެ ފޯނު ދިނުމަށް އެންގުމުން ހަމައެވަގުތު ސީންއަށް ހާޒިރުވި ފުލުހުންނާ އަބްދުﷲ ރިޔާޒްވަނީ ފޯނު ހަވާލުކޮށްފައެވެ. އަދި އެފޯނުގެ ޕިންކޯޑު ދިނުމަށް އިއުތިރާޒް ކުރިކަމަށް ބުނެ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލުމުން އެމައްސަލައިގެ ޝަރީއަތުގެ މަޖްލީހުގައި ޕިން ކޯޑު ފުލުހުންނަށް ދިނުމަށް ފުރަތަމަ އިއުތިރާޒްކުރީ ކޯޓު އަމުރުގައި ޕިން ކޯޑު ދިނުމަށް އެބާވަތުގެ އެހެން އަމުރުތަކުގައި ބަޔާންކޮށްފައި އޮންނަ ފަދައިން ސަރީހަ އިބާރާތުން ނެތުމުންކަމަށް ބަޔާންކުރުމުން ކޯޓު އަމުރާއި އެއްގޮތަށް ޕިން ކޯޑު ދިނުމަށް ޝަރީއަތުން އެންގުމުން ޝަރީއަތުގެ މަޖްލީހުގައި އަބްދުﷲ ރިޔާޒް ދިން ޕިން ކޯޑުތަކުގެ ތެރެއިން ޕިން ކޯޑެއް ޖަހައިގެން ފޯނު ހުޅުވިފައިވާތީއާއި، ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އައި ފުލުހުން ފޯނާއެކު ޢަބްދުﷲ ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެއީ ޤާނޫނާއި ޚިލާފަށް ކުރެވުނު ހައްޔަރެއްކަމަށް ކަނޑައަޅާ އަދި އެމައްސަލައިގައި ދައުލަތުން ހުށަހެޅި އެހެނިހެން ހެކިތަކުގައި ހުރި ފުށުއެރުންތަކާއި ބަލި ކަށިކަމަށްޓަކައި އެމައްސަލައިގައި އަބްދުﷲ ރިޔާޒްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ." އެ ބަޔާނުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ އެހުކުމަށްފަހު ދައުލަތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރެއްވިއެވެ. "އިސްތިއުފާނާފް ކުރެއްވުމާ ގުޅިގެން މިބާވަތުގެ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރެވޭ ގޮތާއި ޚިލާފަށް މުޅި މައްސަލަ އިސްތިއުނާފް މަރުހަލާގައި މައުޟޫޢީގޮތުން ބައްލަވާ އެމައްސަލާގައި ކްރިމިނަލް ކޯޓުން ރިޢާޔަތްކުރައްވާފައިވާ އިޖުރާއީ މައްސަލަތަކާއި ހެކިތަކުގައި ހުރި ފުށުންއެރުންތަކަކީ އެދައުވާގެ މައުޟޫޢުން ބޭރު ކަންތައްތަކެއްކަމުގައި ބައްލަވާ އެމައްސަލާގައި ޢަބްދުﷲ ރިޔާޒްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ނިންމަވާފައިވަނީ އެމައްސަލަ ފުރަތަމަ ބެއްލުވުމާއި ހަވާލުވި ބެންޗު ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ބަދަލުކުރުމަށްފަހު،" ކަމަށް ވެސް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ. އެކަން އެގޮތަށް ކުރައްވައިފައިވަނީ ހުށަހަޅާފައިވާ ނުކުތާތަކުން ބޭރުން މުޅި މައްސަލަ މައުޟޫޢީ ގޮތުން ބައްލަވާކަން ދައުލަތަށާއި ޢަބްދުﷲ ރިޔާޒަށް އެންގުމެއް ވެސް ނެތި ކަމަށް ބަޔާނުގައި ވެއެވެ. އެ މައްސަލަ މިހާރުވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ޢަބްދުﷲ ރިޔާޒްގެ ފަރާތުން އިސްތިއުނާފްކުރައްވައިފައެވެ. އެހެންނަމަވެސް އަދި އެކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ. އެހެންނަމަވެސް ޢަބްދުﷲ ރިޔާޒްގެ މައްޗަށް ކަނޑައެޅުނު އަދަބުގެ ބޮޑުބައެއް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.
ރިޔާޒު ބަންދުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ކުރާ "އިސްލާޙީ މަސައްކަތުގައި" ރިޔާޒު އަދާކުރާ ދައުރަށް ހުރަސް އެޅުމަށް ކަމަށްވެސް އަބްދުﷲ ރިޔާޒުގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ލިބުމުން އެމީހުންގެ އަޑު މަޖްލީހުގައި އިއްވުމުގެ ފުރުސަތު ބަންދު ކުރުމަކީވެސް ސަރުކާރެ މަގުސަދެއް ކަމަށް އާއިލާއިން ބުނެފައިވެއެވެ. "ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސްމީގޮތުން ރައްޔިތުންނާ މުޚާތަބުރައްވާ ވާހަކަފުޅު ދައްކަވާ ފަހަރުތަކުގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކާ ގުޅޭގޮތުން މިފަދަ ހަޤީޤަތާ ޚިލާފު އިލްޒާމު އަޅުވައި ދޮގުވާހަކަ ދައްކަވަނީ ޢަބްދުﷲ ރިޔާޒާ މެދު ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވަރެއް އުފައްދައި ސިޔާސީ ގޮތުން ވަކި ކަހަލަ މަންފާއެއް ހާސިލްކުރުމަށެވެ." އެބަޔާނުގައި ވެއެވެ.
"ޝަރީއަތުގެ މަރުހަލާތަކުގައި ނުނިމި ހުންނަ މައްސަލަތަކާއި ގުޅުވައިގެން މިފަދަ ދޮގުވާހަކަތައް ފަތުރައި ސިޔާސީ ލީޑަރުންނާ މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފައްދަން މަސައްކަތްކުރާ ކަމީ އަޅުގަނޑުމެންގެ އާއިލާއިން ނުހަނު ކަންބޮޑުވާކަމެކެވެ." އެބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ