ފުށިދިއްގަރޭ ކިޔައިގެން އުމަރު ދައްކަނީ ދޮގު ވާހަކަތަކެއް: އަދީބު

ކ. އެނބޫދޫ ފަޅުކައިރީ އޮންނަ ފުށިދިއްގަރު ފަޅު ގާނޫނާއި ހިލާފަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އިސްކޮށް ހުންނަވައިގެން 50 އަހަރަށް ބޭރު ބަޔަކަށް ވިއްކާލާފައިވާ ކަމަށް ބުނާ ވާހަކަ ޓޫރިޒަމް މިނިސްޓަރު ދޮގު ކުރައްވައިފި އެވެ.
ފުށިދިއްގަރުފަޅު 50 އަހަރަށް ބޭރު ބަޔަކަށް ވިއްކާލާފައިވާ ކަމަށް ބުނެ، ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ހަރަކާތުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބް ވިދާޅުވީ އުމަރު ނަސީރުގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ. ބޭރު ބަޔަކަށް ފުށި ދިއްގަރުފަޅު ވިއްކި ކަމަށް ބުނާ ޑޮކިއުމެންޓަކީ ފޭކް ޑޮކިއުމަންޓެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަޅަކީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ގެންނަން މަސައްކަތް ކުރި ފަޅެއް ކަމަށާއި އަދި މިއަދު ސަރުކާރުން ވެސް އެ މަސައްކަތް ކުރި ނަމަވެސް މިހާރު އެ މަސައްކަތް ވަނީ މަޑުޖައްސާލާފައި ކަމަށެވެ.
"އަޅުގަނޑު އެދެން އުމަރު ނަސީރުގެ އަރިހުން ވެސް އޭސީސީއާއި އެހެނިހެން މުއައްސަސާތަކަށް ހުށައަޅައިގެން އެމައްސަލަ ބެލުމަށް، އަޅުގަނޑު ޔަގީންކަން މިއަރުވަނީ އެފަދަ މައްސަލައެއް ނޫޅޭނެކަން،" އަދީބް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި އަދީބްގެ ވާހަކަފުޅުގައި ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ހަސަން ސައީދަށް ވަރަށް ބޮޑަށް ފާޑޫވިދާޅުވި އެވެ. އެގޮތުން ޑރ. ހަސަން މަސައްކަތް ކުރަނީ އެހެން ކެނޑިޑޭޓުންގެ ޝަހުސު ކަތިލުމަށް ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ރައީސް ވަހީދުގެ އެޑުވައިޒަރެއްގެ މަގާމްގައި ހުރެގެން ވެސް ޑރ. ހަސަން ސައީދަށް އެންމެ ފުރިހަމަ މަސްއޫލިއްޔަތު އަދާ ކޮށްފައިނުވާ ކަމަށް ދޭހަވާ ގޮތަށް އަދީބް ވަނީ ވާހަކަފުޅު ދައްކާފައެވެ.
"ޑރ. ހަސަން ސައީދު ޔޫކޭއަށް ފޮނުވީ މީޑިއާތަކާއި ބައްދަލުކުރަން، ނަމަވެސް އެބޭފުޅާއަކަށް ނުކެރުނު މީޑިއާތަކާއި ބައްދަލުކުރާކަށް، އޭގެ ބަދަލުގައި ފެނިގެންދިޔައީ ރައީސްއަށް ޖޯކްޖަހާ ލީކްވި އޯޑިއޯއެއް،" އަދީބް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ