މެޑަމް އައިޝާ އދ.ގައި: ރައްޔިތުން ޖުމްހޫރީ ވިންދުގައި!

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއެކު އެކަމަނާ މިއަދު ހެނދުނު ފުރާވަޑައިގަތީ މިދަތުރުފުޅަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލޯންޗެއްގައެވެ. ޖުމްހޫރީ ވިންދުގެ ނަމުން ނަންދީފައިވާ މި ލޯންޗު ވަނީ ގުޅިފައިވާ ޕާޓީތަކުގެ ދިދަތަކުން ޒީނަތްތެރިކުރެވިފައެވެ.
އދ.އަށް ކުރައްވާ މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މެޑަމް އައިޝާ ވަޑައިގަތީ ދިއްދޫއަށެވެ. ދިއްދުއަށްފަހު ފެންފުއްޓާއި ދިގުރަށަށް ވެސް އެކަމަނާ ވަނީ ވަޑައިގެންފައެވެ. މިރަށްރަށަށް ވަޑައިގަތުމުން ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މެޑަމް އައިޝާ ވަނީ ދޮރުންދޮރަށް ހިންގަވައި ރައްޔިތުންގެ ހާލަތު ބައްލަވާލައްވައި ރައްޔިތުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ. އަދި ރަށު ކައުންސިލްތަކާއި ރަށްރަށުގެ ޒުވާނުންނާ ވެސް ބައްދަލުކުރައްވައި އެފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުއްވައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެކަންކަމަށް ގެނެސްދޭވޭނެ ހައްލުތައް ހިއްސާކުރައްވާފައިވެއެވެ.
މީގެ އިތުރަށް އެރަށްރަށުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީ ހަރުދަނާކޮށް މެމްބަރުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރަށް ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތަކެއް ވެސް ރަށްރަށުގައި ކުރިއަށް ގެންދެވިއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މެޑަމް އައިޝާގެ މިދަތުރުފުޅަކީ ވަަރަށް ކާމިޔާބު ދަތުރުފުޅެއް ކަަމަށާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް އަދ.އަތޮޅުން ވަރަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ ދިގުރަށުގައި މިރޭ ގުޅިފައިވާ ޕާޓީތަކުގެ ޚާއްސަ ޖަލްސާއެއް ވެސް އޮންނާނެ ކަމަށެވެ.
އދ.އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މެޑަމް އައިޝާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ މުޅި އަރިއަތޮޅު ފަޚުރުވެރިވާ އެއަތޮޅުގެ ކެޕްޓަން ކަމަށާއި، އެހެންކަމުން އެއަތޮޅު ރައްޔިތުންގެ ފަރާތުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ވަރަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިސްލާހީ މަސައްކަތުގައި އަންހެން ބޭފުޅުންގެ ދައުރާ ގުޅޭގޮތުން އައިޝާ ވިދާޅުވީ މިއަދު ގައުމުގެ ހާލަތު އޮތްގޮތުން އެބޭފުޅުންނަށް މިމަސައްކަތަށް ނުކުތުމަށް މަޖުބޫރު ކަމަށެވެ.
"އަޅުގަނޑުމެން އަންހެނުންނަށް މިއަދު އިސްލާހީ މަސައްކަތަށް ގައުމަށްޓަކައި ނުކުންނަން ލާޒިމްވެއްޖެ. ސަބަބަކީ އަޅުގަނޑުމެންގެ ދަރިން، ފިރިން، އާއިލާގެ އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންނަށް މިއަނިޔާވެރިކަމުން ސަލާމަތް ކުރަން އެބަޖެހޭ. އަޅުގަނޑުގެ އަމިއްލަ ނަފުސަށް ބެލިޔަސް މިކަން އެބައެނގޭ. އެހެން ބަޔަކަށް އެހެން ފިރިންތަކަކަށް މިފަދަ އަނިޔާއެއް ލިބިނުދިނުމަށްޓަަކައި އަތުކުރި އޮޅާލައިގެން އަންހެން ބޭފުޅުން ނުކުންނަންވީ" ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވިއެވެ.
މެޑަމް އައިޝާގެ މިދަތުރުފުޅުގައި މާދަމާ މާމިގިލީގައި ހޭދަކުރެއްވުމަށްފަހު އާދީއްތަ ދުވަހު މަނަދޫ، ހަންޏާމީދޫ އަދި ދަނގެއްޗަށް ވަޑައިގަންނަވާނެއެވެ. ހޯމަ ދުވަހު ވަޑައިގަންނަވާނީ އޮމަދޫ، ކުނބުރުދޫ އަދި މަހިބަދޫއަށެވެ.
މީގެ ކުރިން އެކަމަނާ ވަނީ ލ.އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ