ވިލާ ކޮލެޖްގެ ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތައް ސަން އައިލޭންޑުގައި ފަށަނީ
ވިލާ ކޮލެޖުން ހިންގާ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކޯސްތައް ސަން އައިލޭންޑުގައި ހިންގަން ނިންމައިފިއެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވިލާ ކޮލެޖާއި ސަން އައިލޭންޑާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ އެގްޒެކެޓިވް ޑީން ޑރ. އަލީ ނަޖީބެވެ. ސަން އައިލޭންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމެވެ. ވިލާ ކޮލެޖުން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސަން އައިލޭންޑްގައި ހުންނަ ނޮލެޖް ވިލެޖްގައި ފުރަތަމަ ހިންގަން ފަށާނީ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ކިޔެވުމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން 12 ދަރިވަރަކަށް ސަން އައިލޭންޑުން ވަނީ ސްޕޮންސާ ކުރަން ނިންމާފައެވެ. ވިލާ ކޮލެޖުން ބުނިގޮތުގައި، ސަން އައިލޭންޑުގައި ފަށާ ހޮސްޕިޓަލިޓީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވެއެވެ. އަދި އެޕްލިކޭޝަން ފޯމާއެކު ކޯހާއިބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުން ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ