"ސްކޫލް އިމަޖެންސީ އޮޕަރޭޝަން ޕްލޭން"އައްޑޫ ސްކޫލްތަކާ ހަވާލުކޮށްފި

ސްކޫލެއްގައި އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅާނެ ހުރިހާ ފިޔަވަޅުތަކެއް ބަޔާންކޮށް ހަދަމުންދާ "ސްކޫލް އިމާޖެންސީ އޮޕަރޭޝަން ޕްލޭން" އައްޑޫގެ ހުރިހާ ސްކޫލެއްގައި ހަދައި އެ ސްކޫލްތަކާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑާއި ގުޅިގެން އައްޑޫގެ ޕްރީ ސްކޫލްތައް ވެސް ހިމެނޭ ގޮތަށް 22 ސްކޫލަކަށް ހަދާފައިވާ އެ ޕްލޭންތައް ސްކޫލްތަކާއި ހަވާލުކޮށްދެއްވީ، 122 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ރައްކާތެރި ތަންތަން ކަމަށް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓާއި ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން ގުޅިގެން ހަދަމުންދާ އެ ޕްލޭންްތަކުގައި ސްކޫލެއްގައި ފެންބޮޑުވުން، ރާޅުއެރުން، އަލިފާނުގެ ހާދިސާއެއް ހިނގުން ނުވަތަ ޓެރަރިސްޓް ހަމަލާއެއް ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް ކަންތައް ކުރަންވީ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާކޮށްދީފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އައްޑޫ ސްކޫލްތަކަށް މިހާރު އެ ޕްލޭންތައް ހަވާލުކޮށްފައިވާ އިރު، ދެން ކުރިއަށްދާނީ އެ ޕްލޭންއާ އެއްގޮތަށް ކުރިއަށްދާނެ ޑްރިލްއެއް ކަމަށެވެ. ނަމަވެސް އެ ޑްރިލްގެ ކުރިން ސްކޫލްތަކުން ވަކި ހާއްސަ ޓީމްތަކެއް އެކުލަވާލުމަށް ފަހު އެ ޓީމްތަކަށް ތަމްރީން ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ކޮންމެ ސްކޫލަކުން ވެސް ނަގާނެ ފަޔާ ފައިޓިން ޓީމެއް. ރާޅު އެރުމުން ކަންތައް ކުރާނެ ޓީމެއް. އެ ޓީމްތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފުރަތަމަ ހިންގާނީ. އެއަށް ފަހު ޑްރިލް އެއް ކުރިއަށްދާނީ،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
"ސްކޫލް އިމާޖެންސީ އޮޕަރޭޝަން ޕްލޭން"ގެ އެންމެ ފުރަތަމަ ޕްލޭން އެކުލަވާލާ ޑްރިލް އެއް ބާއްވާފައި ވަނީ އަމީނިއްޔާ ސްކޫލާއި ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އާއި އިސްކަންދަރު ސްކޫލުގެ އިތުރުން އަރަބިއްޔާ ސްކޫލަށެވެ.
"މެގަ އިވަކުއޭޝަން ޑްރިލް"ގެ ނަމުގައި 3350 އަށްވުރެ ގިނަ ކުދިން ބައިވެރިކުރި އެ ޑްރިލްގައި އަލިފާނުގެ ހާދިސާ ހިނގި ސްކޫލެއްގެ ގޮތުގައި ބެލީ އަމީނިއްޔާ ސްކޫލެވެ. އަދި ކުދިން ސަލާމަތް ކޮށްގެން ގެންދާ ތަނެއްގެ ގޮތުގައި ބެލީ ސަލްޓަންޕާކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ