ސުޕްރީމް ކޯޓުން 4 ބަޣާވަތެއް ކުރަން މަސައްކަތް ކުރި: ރައީސް ޔާމީން
ސްޕްރީމް ކޯޓަށް ލިބިފައި ނުވާ ބާރުތައް ބޭނުން ކޮށްގެން ރައްޔިތުން މަގުމައްޗަށް ނެރުމަށް ހަތަރު ފަހަރެއްގެ މަތިން މަސައްކަތް ކުރިކަމަށް ރައީސުލް ޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޤައުމުގައި ހިނގަމުން ދާ ކަންކަމާއި ގުޅޭގޮތުން ވަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ސްޕްރީމް ކޯޓުން ތަކުރާރުކޮށް މަސައްކަތް ކުރެއްވީ މީހުން މަގުމައްޗަށް ނެރެ ޤައުމު ހަލަބޮލިކޮށް ދައުލަތް ހިންގުން ހުއްޓުވާލުމަށްކަމަށެވެ. ރުމާލު ދޭއް ޖަހައިގައި ޕީޕީއެމް އިން ބޭއްވި "މަގޭ ވަޠަން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ، ސްޕްރީމް ކޯޓުގެ ފަރާތުން ހަތަރު ބަޣާވަތެއް ގެންނަން މަސައްކަތް ކުރިކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޖަލަށް ހުކުމްކޮށްފައި ތިބި ގައިދީންތަކެއް ދޫކޮށްލަން އަމުރު ކުރި ކަމަށާއި ، އެ ވަގުތު އެ ފަރާތްތައް ދޫކޮށްލިނަމަ ޤައުމުގައި ޖިނާއީ ބޮޑެތި ކުށްތަކެއް ހިނގީސްކަމަށެވެ. އަދި ސްޕްރީމް ކޯޓުން ސިޔާސީ ކުށްވެރިންގެ ގޮތުގައި ލޭބަލް ކޮށްފައިވާ މީހުންގެ ތެރޭގައި ފަނޑިޔަރަކާއި ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްވެސް ހިމެނޭކަމަށާއި ، އެއީ ސިޔާސީ މީހުންގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ދެވަނަކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރައީސުލް ޖުމުހޫރިއްޔާ މަޤާމުން އަޒުލު ކުރުން ކަމަށާއި ، އެ ކަން އެޖެންޑާ ކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ މިހާރު ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން އެކަމަށް އިންކާރު ކުރުމުން ކަމަށެވެ. މިވަގުތު ސަސްޕެންޑްކޮށްފައި ތިއްބެވި ދެ ފަނޑިޔާރުން އެކަމަށްވަރަށް މަސައްކަތް ކުރެއްވިކަމަށާއި ރައީސުލްޖުމުހޫރިއްޔާ މަޤާމުން އަޒުލް ކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބި ދީފައި ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ތިންވަނަކަމަށް ސްޕްރީމް ކޯޓުން މަސައްކަތްކުރެއްވީ ދައުލަތުގެ ބަންޑާރަ ނައިބު މަޤާމުން ވަކިކުރުމަށް ކަމަށާއި ، އެ މައްސަލަ އެޖެންޑާކޮށް ބަހުސްވެސް ކުރިކަމަށާއި އަދި އެ މައްސަލަ ނާކާމިޔާބުވީ މިހާރު ސްޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން އެކަމާއި ދެކޮޅު ވުމުންކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަތަރުވަނަ ކަމަށް ސްޕްރީމް ކޯޓުން މަސައްކަތް ކުރެއްވީ މަޤާމުން ވަކިކުރި ކުރީގެ ޕޮލިސް ކަމިޝަނަރ އަހުމަދު އަރީފު އަނބުރާ މަޤާމަށް ގެންނަން އަމުރުކުރުމަށް ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް މީހަކު އައްޔަނު ކުރުމާއި ވަކި ކުރުމަކީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށާއި އެއީ ސްޕްރީމް ކޯޓުން ކުރަން ޖެހޭކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ އާޚިރުގައި މިހަތަރު ކަންތަކުގައި ސްޕްރީމް ކޯޓުން ގާނޫނާ ޚިލާފަަށް އަމުރު ނެރުނު ނަމަ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނުކުތުންކަމަށާއި އަދި އެނގިތިބެ ބައެއް ފަނޑިޔާރުން މިފަދަ ކަންކަން ކުރުމުން އެކަންކަމަށް ފާޑުކިޔަން ޖެހޭނޭ ކަމަށާއި، މިއީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ކުރިކަމެއްކަމަށް ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި މިކަންކަމުން ސަލާމަތްވީ ދިވެހި ސިފައިންނާއި ފުލުހުން ރައީސުލް ޖުމުހޫރިއްޔާގެ އަމުރަށް ތަބާވެ އެގޮތުގައި މަސައްކަތް ކުރެއްވުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ