މޫސުން ވަރަށް ގޯސް، ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށްވެފައި، ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ރާއްޖެ އަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިދުވަސްވަރު ދަތުރުކުރައްވާ ނަމަ މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރު ރޭއްވެވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރު ކުރާނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގެމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އެދޭކަމަށެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެމާއި، ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށެވެ.
މީގެ އިތުރަށް ރޭގަނޑު ދަތުރުތައް ކުރާނަމަ، އިތުރަށް ސަމާލުކަން ދިނުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއިއެކު ދަތުރުތައް ރޭއްވެމަކީ ވަރަށް ބޮޑު އެދުމެއްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަން ދިނުމަށާއި، ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރޭއްވެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބެމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި، ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ މިރޭ 08:00 އިންް މާދަމާ ރޭ 08:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައް (ހާއްސަކޮށް އުތުރާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްވެސް މެޓް އޮފީހުން ވަނީ ބުނެފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ