މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެލާޓު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.
އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 9:30 ން މެންދުރު 12 އަށް، ކ. އަތޮޅާއި މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ރޭ 8:00 ން މިރޭ 8:00 އަށް، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އުތުރުގައި މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ