ރައްޔިތުން ވައްކަމުގެ ތަރައްގީ ބޭނުމެއް ނޫން: ނާދިރާ

ވައްކަމާއި ފަސާދައިގެ ތަރައްގީ ރައްޔިތުން ބޭނުންނުވާ ކަމަށާއި ގައުމުގައި ހިނގަމުންދާ މިބާވަތުގެ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބުރައީސާގެ މަގާމަށް ރައީސް މައުމޫން އައްޔަން ކުރެއްވި އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ނާދިރާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭ ކަމަށާއި ވައްކަމުގެ ތަރައްގީ ބޭނުންވާ އެކަކުވެސް ނެތް ކަމަށެވެ. ސަރުކާރު ތެރޭގަިއ ތިއްބެވި ބޭފުޅުން ފައިސާގެ ނުފޫޒުގައި ޖެހި އެއްބަޔަކު އަނެއްބަޔަކު ދަނީ ހަލާކުވަމުން ކަމަށާއި އެއްބައިވަންތަކަން ނެތް ބަޔަަކަށް ރައްޔިތުން އެއްބައިވަން ނުކުރުވޭނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ރައްޔިތުން އެއްބައިވަންތަ ކުރުވިދާނެކަން ދަނީ ދައްކުވައިދެމުން ކަމަށާއި ގައުމު އިސްލާހު ކުރުމަށް ނިކުމެފައިވާ ހަތަރު ލީޑަރުންނާއެކު ކުރިއަށް ދިއުމަށް ރައްޔިތުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމާ ހަވާލުވެވަޑައިގަތް ފަހުން މުޅި ޕީޕީއެމް ހިންގަމުންދަނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ރައީސް މައުމޫން ޕީޕީއެމް ތެރެއިން އިސްލާހީ މަސައްކަތްތަކެއް ފެއްޓެވުމުން ރައީސް ޔާމީނަށް އެކަންވެސް ހަޖަމުނުކުރެވުނު ކަމަށް ނާދިރާ ވިދާޅުވިއެވެ.
"ޕީއޭގެ ތެރެއިން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ފޫއަޅުވާލާކަށް ދެން އިތުރަށް ރައްޔިތުން ކުރަންޖެހޭ މަސައްކަތެއް ނެތް. އެބޭފުޅުން އެއްބަޔަކު އަނެއްބަޔަކަށް އެދަނީ ކަރުގައި ހިފަމުން. އަޅުގަނޑުމެންނަށް އެބަފެނޭ ފައިސާގެ ނުފޫޒުގައި ޖެހި އެއްބަޔަކު އަނެއްބަޔަކުގެ ކަރުގައި ހިފަމުންދާ މަންޒަރު. އެއްބަޔަކު އަނެއްބަޔަކު ހަލާކުކުރަމުންދާ މަންޒަރު. އެމީހުންގެ ތެރޭގައި އެއްބައިވަންތަކަމެއް ނެތް ބަޔަކު ކިހިނެއްތޯ ރައްޔިތުން އެއްބައިވަންތަކުރާނީ. އެބޭފުޅުންނަކަށް އެކަން ނުކުރެވޭނެ" ނާދިރާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ޕީޕީއެމްގެ މުއައްސިސް ފާރިސް މައުމޫން އިސްލާހީ މަސައްކަތް ފެއްޓެވި ފަހުން އެތައް ދުއްތުރާލެއް ކުރިމަތިކޮށް، ޖަލުގައި އިންނަވާތާ މިއަދަށް 130 ދުވަސް ވެފައިވާ ކަމަށެވެ. ފާރިސް އެދިވަޑައިގަންނަވަނީ އިސްލާހީ މަސައްކަތުގައި ހަތަރު ލީޑަރުންނާއެކު ރައްޔިތުން ކުރިއަށް ދިއުން ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެއްއަޑަކުން ވާހަކަދައްކަން ފެށުމުން ސިފައިންނާއި ކޯޓުތައް ބޭނުންކުރެއްވީ ރައީސް ޔާމީނަށް އެކަންވެސް ހަޖަމުނުވެގެން ކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ ކޯޓުތަކުން ނެރޭ އަމުރުތައް ސަރުކާރުން ބޭނުންގޮތަކަށް މާނަކުރަމުންދާއިރު އެއީ ހަގީގީ މާނަކުރުން ނޫންކަން ސުޕްރީމް ކޯޓުން އިސްނަގައިގެން ބުނެދޭންޖެހޭ ކަމަށެވެ. އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާކަން ސުޕްރީމް ކޯޓުން ސާފުކޮށް ބުނެދޭންޖެހޭ ކަމަށާއި އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ