ރޮހިންގާ ފަންޑަށް ލިބުނު ފައިސާ ބަނގުލަދޭޝް ރެޑްކުރެސެންޓާ ހަވާލުކޮށްފި

މިޔަންމާ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާ ބަނގުލަދޭޝްގެ ރެޑްކުރެސެންޓާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިންގި ހަރަކާތްތަކުން ޖުމްލަ 18.1 މިލިއަން ރުފިޔާ (1.17 މިލއަން ޑޮލަރު)ލިބުނެވެ. އެއީ އިސްލާމިކް މިނިސްޓްރީން އެކުލަވާލި ކޮމެޓީން މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާ އާއި އެފްއޭއެމްއާ ގުޅިގެން ހިންގި ޗެރިޓީ ހަރަކާތުން ލިބުނު ފައިސާ ކަމަށް ސަރުކާރުން ބުނެއެވެ. އިސްލާމިކް މިނިސްޓަރު އިއްޔެ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފަންޑަށް ލިބުނު 18.1 މިލިއަން ރުފިޔާ ޑޮލަރަށް ހެދުމަށްފަހު ބަނގުލަދޭޝްގެ ރެޑްކުރެސެންޓުގެ އެކައުންޓަށް އިއްޔެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރުން ލަސްވެގެން ދިޔައީ ބައެއް އިދާރީ މައްސަލަތަކާ ހުރެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރީން ބުނެފައިވަނީ، ރާއްޖެއިން ހަދިޔާކުރާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ފަދަ ކަންކަމަށް ހަރަދު ކުރުމަށް ބަނގުލަދޭޝްގެ ރެޑްކުރެސެންޓުގައި އެދިފައިވާނޭ ކަމަށެވެ. އެގޮތުން ހާއްސަކޮށް ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ