މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށީ ކުނިކޮށިން އަރާ ދުމުގެ އުނދަގުލާ ހެދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށް ކުނިކޮށްޓާ އިންވެގެން ކަހަލަ ގޮތަކަށް ހުރި އިމާދުއްދީން ސްކޫލަށް އެކަމުން ހައްލެއް ހޯދައި ދިނުމަށެވެ.
ނަމަވެސް ގާތްގަނޑަކަށް ދެ ހަފްތާގެ ކިޔެވުން އިމާދުއްދީން ސްކޫލް ކުދިންނަށް ގެއްލިފައިވާއިރު ސްކޫލްތަކުގެ ސެމިސްޓާ ބްރޭކް އަންނައިރު ވެސް ގެއްލުނު ފިލާވަޅުތައް އަނބުރާ ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. ކުނިކޮށިން އަރާ ދުމާހެދި އެހެން ސްކޫލްތަކަށް ވުރެ އިމާދުއްދީން ސްކޫލް އުޅެނީ ފަހަތުގަ އެވެ.
"އެހެން ސްކޫލްތަކާ އަޅާބަލާއިރު އަޅުގަނޑުމެން (އިމާދުއްދީން ސްކޫލް) އުޅެނީ ދެ ހަފްތާ ފަހަތުގައި. މިއީ ޔުނިޓް ޓެސްޓް ތައް އޮންނަ ދުވަސްވަރު. އެހެންނަމަވެސް ކުދިންނަށް ސްކޫލަށް ނާދެވޭތީ އަޅުގަނޑުމެން އެބައި ވެސް ލަސް ކުރަން މިޖެހެނީ. ދަންނަވަން ޖެހެނީ އަޅުގަނޑުމެން ސްކޫލް ހުޅުވިއެއް ކަމަކު އެހެން ސްކޫލްތަކަށް ވުރެ ދެހަފްތާ ފަހަތުގައޭ މިއުޅެނީ،" އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވާ ގޮތުގައި ބަލިވެގެން ޓީޗަރުންގެ އެބްޒެންޓީސް އަދަދު މަތިވެފައިވާއިރު، ބައެއް ކްލާސްތަކުގައި ދަރިވަރުންގެ އެބްޒެންޓީސް ވެސް އުޅެނީ ވަރަށް މަތީގަ އެވެ.
އާސިފް ފާހަގަ ކުރައްވާ ގޮތުގައި ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް އަލުން އަނބުރާ ހޯދައިދޭނެ ގޮތެއް ވަރަށް ބޮޑަށް ވިސްނައިގެން ނޫނިއްޔާ ނުކުރެވޭނެ އެވެ.
"ސެމިސްޓާ ބްރޭކެއް ދޭން އަޅުގަނޑުމެން މި ވިސްނަނީ އެއީ ކުނި ކޮށި ސާފުކުރުމަށް ސިޓީ ކައުންސިލަށް އިތުރަށް ފަސޭހަވެ، ކުދިންގެ ކޮމްޕްލެއިން އެއް ނެތީމަ ސިޓީ ކައުންސިލަށް އެކަން ތަންކޮޅެއް ބާރު ސްޕީޑްގައި ގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އިމާދުއްދީން ސްކޫލް ކުދިންނަށް ގެއްލުނު ފިލާވަޅުތައް ހޮނިހިރު ދުވަސްތަކުގައި ނަގައިދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ސެމިސްޓާ ބްރޭކް އަންނައިރު ކަވާ ނުކުރެވޭ ފިލާވަޅުތައް ނެގުމަށް ނިންމާފައިވަނީ ސެމިސްޓާ ބްރޭކަށް ފަހު އެވެ. ނަމަވެސް ސެމިސްޓާ ބްރޭކަށްފަހު ވެސް ފިލާވަޅުތައް ކަވާ ކުރެވޭނީ ކުނިކޮށީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންނެވެ.
ކުނިކޮށިން އަރާ ދުމުގެ އުނދަގުލާ ހެދި އިމާދުއްދީން ސްކޫލް ކުދިންނާއި ޓީޗަރުންގެ އިތުރުން އެ ސަރަހައްދުގެ އެތަށް ބައެއް ހައްގުތަށް ވަނީ ގެއްލިފައިވާއިރު، ކުނިކޮށީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ އިރެއްގެ އިންތިޒާރުގައި އަދިވެސް މާސްކް އަޅައިގެން ތިބެން ވަނީ ޖެހިފަ އެވެ.
ކުނިކޮށިން އަރާ ދުމާހެދި އިމާދުއްދީން ސްކޫލް ހުއްޓިފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ