އަޅުގަނޑު ދޮގެއް ނަހަދަން، އިންތިހާބުގައި ވަނީ މަކަރު ހަދައިފައި: އުމަރު ނަސީރު

ޕީޕީއެމް ޕްރައިމަރީ އިންތިހާބުގައި ބޮޑެތި މަކަރުތަކެއް ހަދައިފައިވާ ކަމަށާއި އެ އިންތިހާބާ ބެހޭގޮތުން ދޮގު ހަދައިފައި ނުވާނެ ކަމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާ ބެހޭ ގޮތުން އުމަރު ނަސީރު ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ މެދުފިޔަވަޅު އެޅުމަށް ނިންމައިފައިވަނިކޮށް ރޭގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީއާ ބެހޭ ގޮތުން އޭނާ ދައްކަވާފައިވާ ވާހަކަތަކަކީ ކަން ހިނގައިފައިވާ ގޮތުގެ ވާހަކަ ކަމަށެވެ. އެ ގޮތުން އެއްބަޔަކަށް ވޯޓު ނުލެވުނީ އެމީހުންގެ ނަން ދަފްތަރުގައި ނެތިގެން ކަމަށާއި ބައެއް މީހުން ވޯޓުލާން ދިޔައިރު އެމީހުންގެ ނަމުގައި ވޯޓުލާފައި އޮތީމަ ވޯޓު ނުލެވިގެން އައިސްފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ނަސީރު ކެމްޕޭންގައި ބޭނުންކުރި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ޕީޕީއެމް ޕްރައިމަރީއަކީ އޭނާ " ކޮނޑުއަޅައިގެން " އެ ޕާޓީއަށް ގެނައި އެއްޗެއް ކަމަށާއި އެހެން ކަމުން އިންތިހާބުގައި އެކިއެކި ގޯސްތައް ހިންގަމުންދިޔައިރު ވެސް ޕާޓީގެ މަސްލަހަތަށް ޓަކައި އެ ވާހަކަތައް މެންބަރުންނާ ހިސާބަށް ނުގެނެސް އިންތިހާބު ނިމޭންދެން މަޑުކުރައްވާފައިވާނެ ކަމަށެވެ. އަދި އޭނާ އިންތިހާބުގެ ފަހުން އެ ވާހަކަތައް މެންބަރުނަށް ކިޔައިދިނީ މައްސަލައެއް ޖައްސައިގެން އަލުން އިންތިހާބެއް ބޭއްވުމަށް ނޫން ކަމަށާއި މެންބަރުންނަށް ހަގީގަތް އެނގުން މުހިންމުކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.
" އަޅުގަނޑަށް ޔަގީންވީ ބައެއް ރަށް ރަށުގައި ބާކީހުރި ވޯޓު ކަރުދާސްތަކުގައި ޔާމީންގެ ނަން ޖަހައިފައި އަޅާލިކަން. އެހާ ހިސާބުން އަޅުގަނޑު ގަސްތުކުރީ އެ ވާހަކަތައް ތިބޭފުޅުންނާ ހަމައަށް ގެނެސް ހާމަކޮށްދޭން. ތިބޭފުޅުނާ ހިސާބަށް ގެނެސްދޭން. އަޅުގަނޑު ބޮޑު މައްސަލައެއް ޖައްސައި، އިންތިހާބު ކޮމެޓީއަށް އެކަން ހުށަހަޅައި ބޮޑު މައްސަލައެއް ޖައްސާކަށް ނޫން،"
ޕީޕީއެމްއާއި ގުޅުނީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަކީ، އަމާނަތްތެރި ތެދުވެރި އެއް ވީމާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީންއާ ބެހޭ ގޮތުން އެގޮތަށް ބެލެވޭން ނެތް ކަމަށް ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ ރައީސް މައުމޫނު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިފި ނަމަ މިހާރު ވެސް އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކި ކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފައިވާ ކަން އެނގިވަޑައިގެންފައިވާ ކަމަށާއި ޕީޕީއެމް ޕްރައިމަރީ އަކީ ބާތިލް އިންތިހާބެއްގެގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޭނާގެ ސަޕޯޓަރަކު ކޯޓަށް މައްސަލަ ހުށަހެޅީ އެހެންވެ ކަމަށެވެ.
" އަޅުގަނޑު ކަނޑައިލާ ހިސާބަށް މައްސަލަ އައީމަ އަޅުގަނޑު ގަސްތުކުރީ މި މައްސަލަ ކޯޓާ ހިސާބަށް އުފުލަން. ސަބަބަކީ އަޅުގަނޑު އެބަބޭނުންވޭ އަޅުގަނޑު މި ދައްކާ ވާހަކައަކީ ހަގީގީ ވާހަކައެއްކަން ސާބިތުކޮށްދޭން. އަދި ޕީޕީއެމްގެ އާންމު މެންބަރުނަށާއި މުޅި ރާއްޖެއަށް އެކަން ސާބިތުކޮށްދޭން އަޅުގަނޑު ބޭނުންވޭ،" އުމަރު ނަސީރު އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް ޕްރައިމަރީއަކީ އޮޅުވައި މަކަރު ހަދައިފައިވާ އިންތިހާބެއްކަން ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ ނިމުމުން އެނގޭނެ ކަމަށެވެ.
ޕީޕީއެމުން ކަނޑައިލިއަސް ޕީޕީއެމް އޮފީސް ދޮރުމަތީ ހުންނަވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ޕީޕީއެމް ތެރޭގައި ހުންނަވައިގެން އިސްލާހް ކުރާނެ ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީގައި އަބްދުﷲ ޔާމީންއާ ވާދަކުރައްވައިގެން ބަލިވެވަޑައިގެންނެވުމުން ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޖަލްސާ ބާއްވައިފައިވާ ކަމަށް ބުނެ އޭނާއަށް ވަނީ މާފަށް އެދުމަށް އަންގައިފައެވެ. އަދި އޭނާ މާފަށް އެދިވަޑައިނުގެންނެވުން އޭނާ ވަކި ކުރުމަށް އެ ޕާޓީގެ ސުލޫކު ކޮމެޓީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ