ރިޝްވަތުގެ މައްސަލައެއްގައި ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާ ކުރުމަށް ދިން މުއްދަތު ހަމަވުމާ ގުޅިގެން އޭނާ ރާއްޖެ ގެނައުމަށް ކަރެކްޝަން ސާވިސްއިން ފުލުހުން ކިބައިން އެދިފައިވާތީ އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާންމު އުސޫލުގެ ދަށުން ކަރެކްޝަނުން ގާސިމް އަނބުރާ ގެނައުމަށް އެދިފައިވާތީ ފުލުހުންގެ އެހީތެރިކަން އެކަމަށް ލިބޭނެ ކަމަށާއި ގާސިމް ރާއްޖެ ގެނައުމަށް ފުލުހުންގެ ފަރާތުން ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމަށް ދިން މުއްދަތު މި މަހުގެ ދެވަނަ ދުވަހު ހަމަވެފައިވާ އިރު މީގެ ކުރިން ކަރެކްޝަނުން ވަނީ ގާސިމް ރާއްޖެ ނައިސް ފިލައިގެން އުޅޭ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ގާސިމްގެ ވަކީލުން ވިދާޅުވެފައިވަނީ، މީގެ ކުރިން ދެފަހަރެއްގެ މަތިން ގާސިމް ރާއްޖެ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނު ހާލަތު ދެރަކަމުން ސިންގަޕޫރު އެއާލައިންސް އިން ވަނީ ފްލައިޓަށް އަރުވަން ދެކޮޅު ހަދާފައި ކަމަށެވެ.
ގާސިމްއަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލްގައި ކްރޮނެރީ އިންޓަރވެންޝަން ސާޖަރީ ކޮށްފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެހެންކަމުން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފައެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ސިންގަޕޫރަށް ފޮނުވާލާފައިވަނީ 10 ދުވަހަށެވެ. ބޭސްފަރުވާއަށް ގާސިމް އިބްރާހިމަށް ޖުމްލަ 27 ދުވަސް ވަނީ ދީފަ އެވެ. އެއީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދެމުންނެވެ.
ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ