ރައީސް ޔާމީންގެ ސިޓީފުޅެއް ރައީސް މައުމޫން، އުމާންގެ ފޮރިން ސެކްރެޓަރީއަށް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޓީފުޅެއް އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް، ބަދްރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސައިދީއަށް އަރުވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އުމާންގެ ފޮރިން ސެކްރެޓަރީއަށް އެ ސިޓީފުޅު އެރުވީ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އުމާންގެ ފޮރިން އެފެއާޒް ސެކްރެޓަރީ ޖެނެރަލާ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެ ބައްދަލުކުރެއްވުން އޮތީ އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. އެ ބައްދަލު ކުރެއްވުމުގައި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރު ހުޝާމް ވަޙީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް މައުމޫން އުމާނަށް ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ރައީސް މައުމޫން އޮމާނަށް ކުރައްވާ މި ދަތުރުފުޅަކީ މިސަރުކާރުން އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އުމާނަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫންގެ އެ ދަތުރުފުޅުގައި އުމާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީ ހޯދުމާ ބެހޭ ގޮތުން އުމާންގެ އެކިއެކި ވުޒާރާތަކާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ