ބ އަތޮޅުން ފެށިގެން ދ އަތޮޅަށް މިއަދުވެސް މޫސުން ގޯސް!

ދިވެހިރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހާމަކޮށްފިއެވެ. 
އެ އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެއެވެ. ބޯކޮށް ވާރޭވެހި ގުގުރާންކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ ވައިޓް އެލާރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 ޖެހުމާ ހަމައަށެވެ. އިތުރަށް މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މާލެ ސަރަހައްދައްވެސް ކުޑަކޮށް ކެރީގެ އަސަރު ފޯރާނެކަމަށް ބެލެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ކަނޑު އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި 10 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ޓްރަޕްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން އެންމެ ފުރަތަމަ އިއުލާންކުރީ އާދީއްތަ ދުވަހުއެވެ. އޭގެފަހުން ދިވެހިރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި ގުގުރާފައިވާއިރު، މި ހަފްތާ ބަންދަށް މޫސުން ރަނގަޅު ވެދާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ