ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ޖޭޕީއަށް

ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެޕާޓީން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ޔާމީން ވަނީ ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު، ސޮއިކުރިކަމުގެ ލިޔުން ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއާ ހަވާލުކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ޔާމީންގެ އިތުރުން އިތުރު ބަޔަކު ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ ސިޔާސީ ހަޔާތް ފަށައިގެން އައިއިރުވެސް އޭނާއަށް ފެންނަ ރޯލް މޮޑެލްއަކަށް ގާސިމް އިބްރާހިމް ވެފައިވާ ކަމަށެވެ. މީގެއިތުރުން ގާސިމް އިބްރާހިމާއެކު ސިޔާސީ މަސައްކަތް ކުރުމަށް އަބަދުވެސް ހުވަފެން ދެކެމުން އައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ޖޭޕީއަށް ސޮއިކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ނައިބް ރައީސްގެ މަގާމުގައެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޔާމީން މިރޭ ޖޭޕީއަށް ސޮއިކުރެއްވިއިރު، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއެކު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންތަކެއް ވެސް ވަނީ ދާދިފަހުން ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދާއި މިދިޔަ ދައުރުގައި މަޖިލީހުގެ މެމްބަރުކަން ކުރެއްވި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ ހުސެއިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ