ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނަކީ ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކަށް ސީދާ ބިރު ދެއްކުމުގެ މަޤްޞާދުގައި ނެރުއްވާފައިވާ ބަޔާނެއްކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީ އިން މިހެން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ބަޔާނާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން، ދިވެހިރާއްޖޭގެ އެންމެހައި ބާރުތައް، އިސްތިސްނާއެއް ނެތި، ހިންގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ޝާއިޢުކޮށްފައިވާ ނޫސް ބަޔާނުގައި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމްރު މަޢުރޫފު ހިންގާނެކަމަށް ބަޔާންކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރަށް އަރައިގަތުންކަމުގައި އެޕާޓީއިން ދެކޭ ކަމަށެވެ.
އެމްޑީޕީގެ ބަޔާން ކުރިއަށް ގެންދަމުން އިތުރަށް ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރައްވާނެ ކަމުގައި ބަޔާނުގައި ވިދާޅުވެފައިވާއިރު ދައުލަތުގެ އެންމެ މަތީ ކޯޓުން މިފަދަ ހަރުކަށި ބަޔާނެއް ނެރުއްވި ސަބަބެއް ބަޔާންކުރައްވާފައި ނުވާކަން ފާހަގަ ކުރަމެވެ. ސުޕްރީމް ކޯޓުގެ ބަޔާނުން ދޭހަވަނީ ޤައުމުގެ އަމަން އަމާންކަން ގެއްލި ސުލްޙަ މަސަލަސްކަމަށް ބުރޫ އަރާ ފަދަ ޙަދިސާއެއް ހިނގައިގެން އުޅޭކަމަށެވެ."
އެމްޑީޕީގެ ބަޔާނުގައި އެޕާޓީގެ ވެރިކަން ބަދަލުވި ހަނދާން އާކުރަމުން ބުނެފައި ވަނީ "ފަހުގެ ތާރީޙެއްގައި ދިވެހި ރައްޔިތުން ދުށް އެންމެ ނުރައްކާތެރި، ބިރުވެރި އަދި ހިތާމަވެރި އެއް ދުވަސްކަމުގައިވާ 2012 ފެބްރުއަރީ 7 ވަނަ ދުވަހު ޤާނޫނީ ވެރިކަން ބަޔަކު ނިކުމެ ވައްޓާލުމާ ގުޅިގެންވެސް މިފަދަ ބަޔާނެއް ސުޕްރީމް ކޯޓުން ނެރުއްވާފައިނުވާ ހިނދު ކުއްލި ގޮތަކަށް އެފަދަ އެއްވެސް ހަމަނުޖެހުމެއް ޤައުމުގައި ނެތް އިރެއްގައި މި ބަޔާން ނެރުއްވަން ޖެހިވަޑައިގަތް ސަބަބާ މެދު" ކަންބޮޑުވާކަމަށެވެ.
ޤައުމުގައި ހިނގާ ޤާނޫނާ ޚިލާފް ކަންކަން ޙައްލުކުރާނެ ގޮތްތަކާ އަދި އެފަދަ ޙާލަތްތަކުގައި ދައުލަތުގެ އެކި މުވައްސަސާތަކުން ޢަމަލު ކުރާނެ ގޮތް ތަފްޞީލުކޮށް ޤާނޫނު އަސާސީއާއި އެކިއެކި ޤާނުނުތަކުގައި ވަނީ ބަޔާންކޮށްފައިކަން ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ވަކި ޚާއްސަ ބާރެއް ސުޕްރީމް ކޯޓަށް ދީފައިނުވާކަމަށް ބުނެ އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި ބަޔާނުން ދޭހަވަނީ ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކަށް ސީދާ ބިރު ދެއްކުމުގެ މަޤްޞާދުގައި ނެރުއްވާފައިވާ ބަޔާނެއް ކަމުގައެވެ.
"ދައުލަތުގެ އެންމެ މަތީ ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަވައި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ސިޔާސީ މަޤްޞާދެއް ޙާސިލްކުރުމަށް ބަޔަން ނެރުއްވާ ހިސާބަށް ކަންކަން ދިއުމަކީ މިއަދު ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ ބިރުވެރި ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޢަދުލު އިންސާފުގެ ބާރު ވެރިކަން ހިންގާ ބާރާ މަސްހުނިވެފައިވުމަކީ ރައްޔިތުންގެ އިތުބާރު މުޅި ޝަރުޢީ ދާއިރާއަށް ގެއްލިގެން ދާނެ ކަމެއް ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދަ ކަންކަމުން ދުރުވެ، ޤައުމަށް ކުރިމަތިވެފައިވާ ޢަދުލު އިންސާފުގެ ދާއިރާގެ ގޮންޖެހުންތައް ހައްލުކުރެއްވުމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ ކަމަށް ސުޕްރީމް ކޯޓުން ބުނީ ބިރުދައްކަން – އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ