ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

މުލީއާގޭ ސަރަހައްދުން ފެނުނު "ބޮމެއް" ޑިފިއުޒް ކުރުމަށް ސަލާމަތީ ބާރުތަކުން ރޭ ކުރިއަށްގެންދިޔަ އޮޕަރޭޝަން ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒު މޫސާއާއި އެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިޝާމް އާއި ލީވާން އަލީ ނަސީރު ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.
3 ނޫސްވެރިން ދޫކޮށްލާފައި ވަނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކޯޓަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުންނެވެ.
ރާއްޖެޓީވީން ބުނާގޮތުން ތިން ނޫސްވެރިން ދޫކޮށްލާފައި ވަނީ، ފުލުހުން ކުރާ ތުހުމަތު ތަކަށް ހެކި ނެތުމުން ކަމަށެވެ.
ތިން ނޫސްވެރިން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައި މިވަނީ، އެމީހުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީ އާއި ރާއްޖެ ޓީވީންވެސް ގޮވާލާފައި ވަނިކޮށެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިން ފުލުހުން ހައްޔަރު ކުރުމަށްފަހު އެ ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާކޮށްފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިޔާ ވިސާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ވިސާމްގެ ލޯމަތި ދުޅަވެފައިވާ ކަމަށާއި، ޔާޒުގެ ކަންފަތް މަތީގައި ބާރަށް ޖެހުމުގެ ސަަބަބުން ކަންފަތް ބަށްވެފައިވާކަމަށްވެސް ވަކީލް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނެފައިވަނީ މީގެތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން ކަމަށާއި، އަނެއް ދެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ދައުރަށާއި ވާޖިބަށް ހުރަސްއެޅުމުގެ ސަބަބުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ