އދ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލުގެ ކަރަންޓު ބިލު ނުދައްކައިގެން އެ ދެ ތަނުން އިއްޔެ ކަރަންޓު ކަނޑާލިތާ 12 ގަޑިއިރުނުވަނީސް ރައްޔިތުންގެ ނުކުމެ އަލުން އެ ދެތަނަށް ކަރަންޓު ދީފި

އދ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލުގެ ކަރަންޓު ބިލު ނުދައްކައިގެން އެ ދެ ތަނުން އިއްޔެ ކަރަންޓު ކަނޑާލިތާ 12 ގަޑިއިރު ނުވަނީސް ރައްޔިތުންގެ ބަޔަކު ނުކުމެ، އިންޖީނުގެ އަށް ވަދެ އަލުން އެ ދެ ތަނަށް ވެސް ކަރަންޓު ގުޅައިދީފި އެވެ.މަހިބަދޫ ކަތީބު މުހައްމަދު ފާއިޒު މިއަދު ވިދާޅުވީ، އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނާއި އަތޮޅު ތައުލީމީ މަރުކަޒުން ކަރަންޓު ކަނޑާލީ އިއްޔެ މެންދުރު 1:30 ހާއިރު ކަމަށެވެ. ނަމަވެސް، ކަރަންޓު ކަނޑާލިތާ 12 ގަޑިއިރު ނުވަނީސް، ރައްޔިތުންގެ ބަޔަކު ނުކުމެ ރޭ މެންދަމު 12 ޖަހާއެހާކަންހާއިރު އިންޖީނުގެ ހުޅުވައިގެން ސްކޫލަށާއި އަތޮޅު ހޮސްޕިޓަލަށް އަލުން ކަރަންޓު ދިން ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.ފާއިޒު ވިދާޅުވީ، އެ ދެ ތަނުގެ ކަރަންޓު ބިލަށް ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ އަރާފައިވާ ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އަތޮޅު ތައުލީމީ މަރުކަޒުގެ ކަރަންޓު ބިލު ނުދައްކާތާ 23 މަސް ދުވަސް ވަނީ ވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކަރަންޓު ބިލަށް ޖުމްލަ 4،18284ރ.(ހަތަރު ލައްކަ އަށާރަހާސް ދުއިސައްތަ އަށްޑިހަ ހަތަރު ރުފިޔާ) އަރާފައިވާ ކަމަށް ކަތީބު ވިދާޅުވި އެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ ފާއިތުވި ފަސް މަސް ދުވަހުގެ ކަރަންޓު ބިލު ދައްކާފައި ނުވާއިރު، އެތަނުގެ ކަރަންޓު ބިލަށް 5،15872ރ. (ފަސްލައްކަ ފަނަރަހާސް އަށްސަތޭކަ ހަތްދިހަ ދެ ރުފިޔާ) އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ފާއިޒު ވިދާޅުވީ، އދ. އަތޮޅު އޮފީހުގައި ފައިސާ ހުރެ، އެކަމަކު ކަރަންޓު ބިލު ނުދެއްކި މައްސަލައެއް ދާދިފަހުން ފެންމަތިވި ކަމަށެވެ. ތިން ލައްކައަށް އަށް ވުރެ ގިނަ ރުފިޔާ އެރި ބިލަށް އަތޮޅު އޮފީހުން ފައިސާ ދެއްކީ، މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން ބިލު ނުދައިކައިފި ނަމަ، ކަރަންޓު ކަނޑާލާނެ ކަމަށް ލިޔުމަކުން އެންގުމުން ކަމަށް އޭނާ ވިދާޅުވި އެވެ."ހޮސްޕިޓަލުގެއާ ސްކޫލްގެ ކަރަންޓު ބިލު ނުދައްކާ އޮއްވައި އޭގެ ތެރެއަށް އަތޮޅު އޮފީސް ވެސް މިވަނީ. އެތަނުގެ ބިލަށް ނުދައްކައި ހުރި ތިން މަހަށް އެރީ 3،20660ރ. (ތިންލައްކަ ވިހިހާސް ހަސަތޭކަ ފަސްދޮޅަސް ރުފިޔާ). އެކަމަކު ފަހުން އެ ފައިސާ ދެއްކީ އެތަނުން،" މަހިބަދޫ ކައުންސިލަރު އިސްތިއުފާދެއްވުމުން ރަށު އޮފީސް ހިންގެވުމާ ހަވާލުވެ މިވަގުތު ހުންނެވި ކަތީބު ފާއިޒު ވިދާޅުވި އެވެ.ފާއިޒު ވިދާޅުވީ، މަހިބަދޫ އަށް ކަރަންޓު ދެނީ 1982 ވަނަ އަހަރު ރައްޔިތުން ގާއިމްކުރި ވިއުގަ އަކުން ކަމަށާއި މިހާރު އިންޖީނުގެ ބަލަހައްޓަނީ ރަށު އޮފީހުން ކަމަށެވެ. އަދި އެތަނުގެ ގަވާއިދުގައިވާ ގޮތުން ތިން މަސް ދުވަސް ވަންދެން ކަރަންޓު ބިލު ނުދައްކައިފި ނަމަ، އެތަނަކުން ކަރަންޓު ކަނޑާލަން ޖެހޭ ނަމަވެސް، ސްކޫލުންނާއި ހޮސްޕިޓަލުން އެހާ ގިނަ ދުވަސްތަކެއް ވަންދެން ކަރަންޓު ކަނޑާނުލައި އޮތީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ބެލުމަށް ފަހު ކަމަށާއި އަދި އެ ދެތަނުގެ ބަޖެޓުގައި ވެސް ފައިސާ ނެތް ކަން ރަށު އޮފީހަށް އެނގޭތީ ކަމަށް ފާއިޒު ވިދާޅުވި އެވެ.ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ސަރުކާރުން ހިންގާ ތަންތަނުން ކަރަންޓު ބިލު ނުދައްކައިގެން އުޅެނީ މަހިބަދޫ ރައްޔިތުން މިހާރު ހިންގަމުންދާ އިންޖީނުގެ ޔޫޓިލިޓީ ކުންފުންޏާ ހަވާލުކުރުމަށް ރައްޔިތުން ދެކޮޅު ހަދަމުންދާތީ ޖެއްސުން ކުރުމުގެ ބޭނުމުގައި ކަމަށެވެ."ސަރުކާރުން ބޭނުން ވަނީ ކަރަންޓު ބިލަށް ފައިސާ ނުދައްކައި އިންޖީނުގެއަށް ދަތި ކުރަން. ސްކޫލް ކަހަލަ މުހިންމު ތަންތަނުން ކަރަންޓު ކަނޑާލަން ގަސްތުގައި މަޖުބޫރު ކުރަން. އޭރުން އިންޖީނުގެ ހިންގުމަށް ރައްޔިތުން ނާގާބިލުކަން ރަށަށް ދެއްކޭނެތީ. އެއީ ސަރުކާރުން ރާވާ ރޭވުމެއް." އޭނާ ތުހުމަތުކުރި އެވެ.މަހިބަދޫ ކަތީބު ވެސް ވަނީ، ޔޫޓިލިޓީ ކުންފުނިން މަހިބަދޫ އިންޖީނުގެ ހޯދުމަށް މަސައްކަތްކުރަމުންދާކަން ސަން އޮންލައިނަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ