ޑީއާރުޕީ އެކްޓިވިސްޓް ނާޒިމު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޣަފޫރާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި

ހޭއަރުވާލާނެ ކަމަށްބުނެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޤަފޫރު މޫސާ ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ، ޑީއާރުޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް ނާޒިމު، ޣަފޫރާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަލައިފި އެވެ.ސަން އޮންލައިނަށް މައުލޫމާތު ދެމުން ނާޒިމް އިއްޔެ ބުނީ، ޣަފޫރު އޭނާ އަށް ބިރު ދައްކާފައި ވަނީ، ކުޅުދުއްފުށީގައި ޑީއާރުޕީގެ ޖަލްސާއެއް ބޭއްވުމަށް ފަހު މި މަހު ހަ ވަނަ ދުވަހުގެ ރޭ އޭނާ މާލެއަށް އައިސް ފާލަން ކައިރީގައި ހުއްޓައި ކަމަށެވެ. އަދި އެރޭ ނުވައެއްޖަހާކަންކާއިރު ހަތަރު މީހުނާ އެކު ޣަފޫރު ނާޒިމު ކައިރިއަށް ވަޑައިގެން އިންޒާރުދެއްވައި ބިރުދައްކާފައި ވަނީ، ޑީއާރުޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޣަފޫރާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްއިގެން ކަމަށް ވިދާޅުވެ ކަމަށް ވެސް ނާޒިމު ބުންޏެވެ."އެރޭ ނުވައެއްޖަހާ އެހާކަންހާއިރު، އެއްނަމްބަރު ފާލަން ކައިރީގައި އަޅުގަނޑު ހުއްޓައި އިތުރު ހަތަރު މީހަކާ އެކު ޣަފޫރު ވަޑައިގެން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އޭނާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ދައްކާފައިވާކަމަށް ވިދާޅުވެ ވަރަށް ހަޑި ހުތުރުކޮށް އެއްޗެހި ކިޔައި، އަޅުގަނޑަށް ހޭ އަރުވާލާނެ ކަމަށާއި ވިސްނައިގެން އުޅުމަށާއި އޭނާގެ ރަށުން އަޅުގަނޑު ވަރަށް ބޮޑު ބޮނޑިއެއް ބޯނޭކަމަށްބުނެ ބިރުދައްކާފައި ވާތީ ހުށަހެޅި މައްސަލައެއް އެއީ،" ނާޒިމު ބުންޏެވެ.  ޣަފޫރު ނާޒިމަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު، ސަބް އިނިސްޕެކްޓަރު އަހުމަދު ޝިޔާމު ވެސް މިއަދު ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް ޣަފޫރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.ނާޒިމު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުން ލަސްވެފައި ވަނީ، ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޣަފޫރާބެހޭ ގޮތުން ހަގީގަތާހިލާފު ވާހަކަތަކެއް ދައްކާފައިވާކަމަށް ވިދާޅުވެ، ޣަފޫރު ފުލުހުންނަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށް ދިހަ ދުވަހު ޖަލުގައި ބަހައްޓުމުން ކަމަށެވެ. އަދި ޖަލުން ދޫކޮށްލުމުން މައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށް ވެސް އޭނާ ބުންޏެވެ."މި މައްސަލަ ހުށަހެޅުން ލަސްވެފައި ވަނީ، މި މަހު ހަތް ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ އަޅުގަނޑު ހައްޔަރު ކޮށްގެން ގެންގޮސްފައި. އަދި ދިހަ ދުވަހު އަޅުގަނޑު ޖަލުގައި ބާއްވައިފައި ދޫކޮށްލީ. ޖަލުގައި އޮތް އިރު ވެސް އަޅުގަނޑު އެދެމުން ދިޔައިން ދައުވާ ހުށަހެޅުމަށް، ނަމަވެސް އެފުރުސަތު ދޭނެކަމަށް ވިދާޅުވެ އެފުރުސަތު ފުލުހުން ވަނީ ނުދެއްވައިފައި. އެރޭ އަޅުގަނޑު މާލެ އައިތަނުން ބިޑިއަޅުވައިގެން އެއާޕޯޓުން ވެސް އަޅުގަނޑު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި، ނަމަވެސް ފުލުހުން އަޅުގަނޑު ހައްޔަރު ކުރީ އޭގެ އަނެއް ދުވަހު،"ނާޒިމު ބުނީ، ސިޔާސީ ގޮތުން ބަލާއިރު ފުލުހުން ކަންތައްކުރަމުން ގެންދަނީ ވަރަށް ނާއިންސާފުން ކަމަށެވެ. އެހެންކަމުން އޭނާ ހުށަހެޅި މައްސަލަ ފުލުހުން ބަލާނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށާއި، ނަމަވެސް މައްސަލަ ހުށަހަޅާފައި ވަނީ ހަތް ހެކިންގެ ހެކިބަހާ އެކު ކަމަށް ވެސް އޭނާ ބުންޏެވެ.މި މައްސަލައިގައި ޣަފޫރުގެ ބަހެއް އަދި ވަނީ ނުލިބި އެވެ.ޣަފޫރާ ދެކޮޅަށް ނާޒިމް މައްސަލަ ހުށަހަޅާފައި މިވަނީ، މި މަހު ހަ ވަނަ ދުވަހުގެރޭ ކުޅުދުއްފުށީގައި ޑީއާރުޕީން ބޭއްވި ޖަލްސާގައި ޣަފޫރަށް ނިސްބަތްވާ ގޮތަށް ނާޒިމް ހަޑި ހުތުރު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ޑީއާރްޕީއާ ދެކޮޅަށް ގަފޫރު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި ޣަފޫރު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ތަހުގީގަށް ފުލުހުން ވަނީ، ނާޒިމް ހައްޔަރުކޮށް ދިހަ ދުވަހު ޖަލުގައި ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ