ބާރުތައް ހަނިކުރުމުން ބަދަލުތައް ގެންނަން އުނދަގޫވޭ: އުމަރު

ހޯމް މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ތެރެއިން ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ހަނިކުރެއްވުމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ގެންނަން ބޭނުންވާ އިސްލާހީ ބައެއް ބަދަލުތައް ގެނައުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ރައީސްގެ ނިންމެވުމުގެ ސަބަބުން ބައެއް ބަދަލުތައް ގެނައުމަށް އުނދަގޫވީ ނަަމަވެސް ޖުމްލަ ގޮތެއްގައި ފުލުހުންގެ މުއައްސަސާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް މާބޮޑު ދައްޗެއް ކުރިމަތިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތަށް ދައްޗެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މިދެންނެވީ ހުރިހާ ބާރުތައް ހަނިކުރެއްވީކީއޭއެއް ނޫން. ބައެއް ބާރުތައް ހަނިކުރައްވާފައިވަނީ،" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރައްވާ މަސައްކަތަކީ ރާއްޖޭގައި އަމަން ގާއިމުކުރުމާއިއެކު އެކަމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް މިވަގުތު ނެތް ބާރަކީ ހަމައެކަނި ފުލުހުންނަށް ސީދާ އަމުރުކުރުމުގެ ބާރު ކަމަށާއި، ފުލުހުންގެ އެހެނިހެން މަސައްކަތްތައް އަދިވެސް ކުރިއަށްދަނީ ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނާއި ފުލުހުންނާއި ދެމެދު އޮތް ގުޅުން އަދިވެސް ކުރިއެކޭ އެއްގޮތަށް އެއްބައޮތް ކަމަށާއި ދެ ފަރާތުގެ މެދުގައި ތަފާތު މައްސަލަތަކުގައި މުއާމަލާތް ވެސް ކުރެވެމުން އަންނަ ކަަމަށެވެ.
"އަޅުގަނޑާއި ފުލުހުންނާއި ދެމެދު އޮތް ގުޅުން އަދިވެސް ކުރިއެކޭ އެއްގޮތަށް އެއްބައޮތް. ދެ ފަރާތުގެ މެދުގައި ތަފާތު މައްސަލަތަކުގައި މުއާމަލާތް ވެސް ކުރެވެމުން ދަނީ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވަޒީރުކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމަށް ރޭއްވެވި ހުރިހާ މަސައްކަތެއް އެގޮތަށް ކުރިއަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތަރައްގީގައި މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ފުލުހުންނަށް މިހާރު ލިބިފައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކަށް ފައިދާ ހުރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ