ޓްރަމްޕްގެ ޓެކްސް ބަޔާން ނިއު ޔޯކް ޕްރޮސެކިއުޓަރާ ހިއްސާ ކުރަން ކޯޓުން އަންގައިފި

ވޮޝިންޓަން (އޮގަސްޓު 21): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ބަޔާންތައް ނިއު ޔޯކްގެ ޕްރޮސެކިއުޓަރު ސައިރަސް ވާންސްއާ ހިއްސާ ކުރަން މިދިޔަ އަހަރުގެ އޮގަސްޓު މަހު އޭނާ ކުރެއްވި އަމުރަށް ހުރަސް އެޅުމުގެ ގޮތުން ޓްރަމްޕްގެ ވަކީލުން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ. ޓްރަމްޕްގެ ވަކީލުން އެ މައްސަލަ ހުށަހެޅީ ވާންސް އެ ބަޔާންތައް ހޯއްދަވަނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ވެދާނެ ކަމަށާއި އެއީ ފުރައްސާރައެއް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ޔޫއެސް ޑިސްޓްރިކްޓު ފަނޑިޔާރު ވޮކްޓާ މަރޭރޯ ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓަރުގެ އަމުރު ތަންފީޒު ކުރުން ހުއްޓުވުން ވާނީ، ޖިނާއީ މައްސަލަތަކުގައި ރައީސަށް ލިބިގެންވާ ހިމާޔަތް މާބޮޑަށް ފުޅާ ކުރުން ކަމަށެވެ. މަރޭރޯ އެފަދައިން ނިންމެވުމާ އެކު ޓްރަމްޕްގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. ޓްރަމްޕްގެ އަށް އަހަރުގެ ޓެކްސް ބަޔާންތައް ހިއްސާ ކުރަން ވާންސް އެންގެވީ، ޓްރަމްޕް ކައިވެނިން ބޭރުން ގުޅުން ބޭއްވެވި ކަމަށް ބުނާ ދެ އަންހެނަކަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ފައިސާ ދިން ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގުގެ ތެރެއިންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެ ދެ އަންހެނުންނަށް ފައިސާ ދިނީ ޓްރަމްޕާ އެކު ބޭއްވި ގުޅުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ޝަރުތުކޮށްފަ އެވެ. މީގެ އިތުރުން ވާންސްގެ ވަކީލުން ވިދާޅުވި ގޮތުގައި ޓްރަމްޕް އޯގަނައިޒޭޝަންގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެކަމުގެ ތަހުގީގެއް ކުރުމަށް ޓްރަމްޕްގެ ޓެކްސް ބަޔާންތައް ބޭނުންވެ އެވެ. އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ޓްރަމްޕް ވަނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޕްރޮސެކިއުޓަރުން އޭނާގެ ޓެކްސް ބަޔާން ހޯއްދަވަން ކުރާ މަސައްކަތްތަކަށް ތަކުރާރުކޮށް ހުރަސް އަޅުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ