ގަރާޖެއް ރަޖިސްޓްރީ ކުރުން ލާޒިމް ނުވާ ގޮތަށް މަޖިލިހަށް އިސްލާހެއް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު މަޖިލިހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
އެ ބިލް މަޖިލިހަށް ހުށަހަޅުއްވައި ދެއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ބިލްގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި މިހާރު އޮތް ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ.
ގަވައިދުގައި އެހެން އޮތުމުގެ ސަބަބުން އެކަމުގެ ނާޖައިޒު ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުންދާ ކަމަށް ވެސް އެ ބިލްގައި ފާހަގަކޮށްފައިވެއެވެ.
ގަރާޖުގައި އޮންނަ ޖާގައަށް ވުރެ، ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓްރީކޮށްދީ އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންދާ ކަމަށް ވެސް އެ ބިލްގައިވެއެވެ. އަދި މިކަން ރަނގަޅަށް މޮނިޓަ ކުރެވޭ ކަމަށް ނުފެންނަ ކަމަށް ވެސް ބިލްގައިވެއެވެ.
އެހެންވެ، ގާނޫނުގެ ދަށުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރާޖިސްޓްރީކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ކަމަށް ނަޝީދުގެ އިސްލާހުގައިވެއެވެ.
ބިލްގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ފެށިގެންނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ