ޖޫންމަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ސަބްސިޑީގެ ގޮތުގައި ކަނޑާލައި، އަލުން ބިލް ފޮނުވަނީ

ޖޫންމަހުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ފަރާތުން ގެތަކަށް ފޮނުވި ކަރަންޓް ބިލުން 40 އިންސައްތަ ސަބްސިޑީގެ ގޮތުގައި ކަނޑާލުމަށް ނިންމައިފިއެވެ.
އެކުންފުނީގެ މައި އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ޖޫން މަހުގެ ބިލް އަލުން އިސްލާހުކުރުމަށްފަހު ފޮނުވާނެކަމަށެވެ. އަދި މި ބިލުން 40 އިންސައްތަ ސަބްސިޑައިޒްކުރާނެކަމަށް މުޣުނީ ވިދާޅުވިއެވެ.
މީގެ އިތުރުން މިހާތަނަށް ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުވެސް އެކުންފުނިން ވަނީ ހަމަޖައްސައިދީފައެވެ. މުޣުނީ އިތުރަށް ވިދާޅުވީ ގެތަކަށް ފޮނުވުނީ އެންމެ އެކިއުރޭޓް ބިލް ނޫންކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ބިލް ހަދަން މީޓަރު ނަމްބަރު ފޮނުވަން ބުނުމުން މެއި މަހު 80 އިންސައްތަ މީހުން މީޓަރު ނުފޮނުވާކަމަށް މުޣުނީ ވިދާޅުވިއެވެ.
އެހެންކަމުން ހަދާފައިވަނީ އެވްރެޖް ބިލެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ވޮއިސްއަށް ލިބިފައިވާ ބައެއް ބިލްތަކުން ދައްކާ ގޮތުގައި ޖޫންމަހު ހަވާލުކުރެވުނު ބިލްތަކަށްވުރެ، މިމަހު ހަވާލުކުރެވުނު ބިލްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓް ބިލްތަކުން ޑިސްކައުންޓް ދިނުމުގެ ކުރިން އާންމުކޮށް ބިލްތަކަށް އެރި އަދަދަށްވުރެވެސް ބޮޑު އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ.
ކަރަންޓް ބިލްތަކުން ދައްކާގޮތުގައި ހުރިހާ ގެތަކުން ވަނީ އާންމުކޮށް ބޭނުންކުރާ އަދަދަށްވުރެ ގިނައިން ނިމިދިޔަ މަހުގައި ކަރަންޓްވެސް ބޭނުންކޮށްފައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ޚިޔާލު ފާޅުކޮށްފައިވާ ގޮތުގައި އާންމުކޮށް ކަރަންޓް ބޭނުންކުރާ މިންވަރަށްވުރެ އިތުރަށް ފުރަބަންދުގައި ކަރަންޓް ބޭނުންކޮށްފައި ނުވާނެއެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ކޮވިޑް-19ގެ އެކި އެކި މަސައްކަތްތަކާއި ގުޅިގެން ގިނައިރު ގޭގައި ނޫޅުނަސް ބިލް ބޮޑުވެފައިވާކަމަށް ބުނަމުންނެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނިގޮތުގައި ކަރަންޓް ބިލްތައް ބޮޑުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދެމުންދިޔަ ޑިސްކައުންޓް ހުއްޓާލުމުންނާއި މީހުން ގޭގައި އުޅޭ މިންވަރު އިތުރުވުމުން ކަމަށެވެ.
ފޮޓޯ: ސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ