ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ކާޑުގެ ބާވަތްތައް ނެތްކަމަށާއި، ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ ކާޑު ހޯދުން ކަމަށް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ވީމީޑިއާއިން ގެނެސްދިން ޕްރޮގްރާމް، "ޖުމްހޫރީ ވެރިކަމުގެ ހުންގާނު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަދައްވަމުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވީ އޭރުވެސް ރާއްޖޭގައި ކައިބޮއި އުޅުނީ ރާއްޖެއިން ބޭރުން އެތެރެކުރާ ކާޑުގެ ބާވަތްތައް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި އެވަގުތު ކާޑުގެ ބާވަތްތައް ހުރީ އެންމެ ތިން ހަފްތާއަށްވާ ވަރަށް ކަމަށެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގެންނެވުމާއި އެކު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމުގެ މަސައްކަތް ކުރުންކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ އޭރު ރާއްޖެ، އދ. ގައި ރަޖިސްޓްރީވެފައި އޮތީ އެންމެ ފަޤީރު ފަސްގައުމުގެ ލިސްޓުގައި ކަމަށެވެ. އަދި އޭރުގެ ތައުލީމީ ފެންވަރަށް ބަލާއިރު ސަރުކާރުން ހިންގާ މަދަރުސާއަކަށް އަތޮޅުތެރޭގައި ހުރީ ހަމައެކަނި ބ. އޭދަފުށީގައި ހުރި މަދަރުސާ ކަން ވެސް ރައީސް މައުމޫނުވަނީ ފާހަގަކުރައްވާފައެވެ.
ތައުލީމީ ގޮތުން ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ ގިނަބަޔަކަށް ފަސޭހައިން ޢިލްމު އުނގެނޭނެ މަގު ތަނަވަސްކޮށްދެއްވިއިރު ރާއްޖޭގެ ލޭނާރުކަމުގައިވާ މަސްވެރިކަން ތަރައްޤީކުރުމަށްވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރައްވިއެވެ. ހަމަ އެއާއި އެކު ރާއްޖޭގައި އޭރު އޮތް ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް ވެރިކަމަށް ވަޑައިގެންނެވުމާއި އެކު މަސައްކަތް ކުރެއްވިކަން ރައީސް މައުމޫނު ވަނީ ފާހަގަކުރައްވާފައެވެ.
ތާރީޚް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެޒަމާނުގައި ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެންނަނީ އެއްމަސް ދުވަސްކުރިން އޯޑަރު ދީގެންނެވެ. ނަމަވެސް ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވި އިރު ކާޑުގެ ބާވަތްތަކަށް އޭރުގެ ސަރުކާރުން އޯޑަރު ދެއްވާފައިނުވާކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ.
ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި ކާޑުގެ ބާވަތްތައް ނެތް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ