ގާސިމްގެ މަރާ ގުޅުވައި މެމްބަރު ޝަހީމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި

ވަޅި ހަރައި މިދިޔަ ބުދަ ދުވަހުގެ ރޭ އދ. މާމިގިލީ، ގާސިމް ހަސަން، 59، މަރާލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމަށް ކުރާ ތުހުމަތު އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.
ޝަހީމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ގާސިމަކީ އޭނާ ދަންނަ މީހެއް ވެސް ނޫން ކަމަށެވެ. އެ ހިތާމަވެރި ހާދިސާއާ ގުޅުވައި ސިޔާސީ މަގްސަދެއް ހާސިލްކުރަން ހަގީގަތާ ޚިލާފު ތުހުމަތުތަކެއް އޭނާ އަށް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރަކަށް އުޅޭތާ ގާތްގަނޑަކަށް 15 އަހަރުވެފައިވާ ގާސިމް މަރާލީ ހުޅުމާލޭ ރީތިގަސްމަގުގަ އެވެ. އޭނާ މަރާލީ، މާލޭގައި ދަތުރުކުރުމަށް ފަހު ރަހުމަތްތެރިންނާ އެކު ސައި ހޮޓަލުގައި އިނދެފައި ހުޅުމާލެ ގޮސް އުޅެނިކޮށެވެ. މާލެ އިން ހުޅުމާލެ އަށް އޭނާ ދަތުރުކުރި ޓެކްސީ ވެސް އެ ސަރަހައްދުގައި އޮތެވެ. ޓެކްސީ ތެރޭގައި ވެސް ލޭ ހުރުމުން، އެއް ބަޔަކު ލަފާކުރަނީ ފުރަތަމަ ހަމަލާދޭން ފެށީ އޭގެ ތެރޭގައި ކަަމަށެވެ. އޭނާ ބަންޑުން ބިންމައްޗަށް ވެއްޓި ލޭ ކޯރު ދެމިފައި އޮއްވާ ފެނުނީ އޭގެ ފަހުންނެވެ.
ގާސިމްގެ މަރުގެ ޚަބަރާ އެކު ސޯޝަލްމީޑިއާގައި ވަނީ މެމްބަރު ޝަހީމަށް ތުހުމަތުތަކެއްކޮށްފަ އެވެ. ޓުވިޓާގައި ދައުރުކުރި މެސެޖްގައި ބުނެފައި ވަނީ 2017 ގައި ގާސިމް ވަނީ މެމްބަރު ޝަހީމްގެ އަތުން 480،000ރ. ނަގާފައި ކަމަށެވެ. އެ ފައިސާ ނުދީގެން، މިދިޔަ ހަފުތާގައި ގްރޫޕެއް ފޮނުވައި ގާސިމަށް އިންޒާރު ދިން ކަމަށް އޭނާގެ ގާތް މީހުން ޔަގީންކޮށްދޭ ކަމަށެވެ.
މި ޓުވީޓާ ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު "މިހާރު" އިން ސުވާލު ދެންނެވުމުން ޝަހީމް ވިދާޅުވީ ގާސިމް ނުދަންނަ ކަމަށާއި އޭނާ އަށް ފައިސާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި 2017 ގައި އޭނާ އަތުގައި އަތުގައި އެހާ ފައިސާއެއް ވެސް ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ، އޭނާ ބަދުނާމުކުރަން ސިޔާސީ ގޮތުން އަޅުވާ އިލްޒާމެއް ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
ޝަހީމް ނެރުއްވި ބަޔާނުގައި ވިދާޅުވީ ގާސިމާ އޭނާއާ ބައްދަލުވެފައި ވެސް ނުވާ ކަމަށެވެ. ގާސިމްގެ މަރާ، އޭނާއާ ގުޅުވަނީ މީގެ ކުރިން ވެސް އޭނާއާ ގުޅޭ ގޮތުން ދޮގު އިލްޒާމްތަކެއް އަޅުވާފައިވާ ބައެއް ކަމަށް ވިދާޅުވި އެވެ.
"މިފަދަ ނުރައްކާތެރި އަދި ބިރުވެރި އަމަލުތަކާ ގުޅޭ ގޮތުން އެފަދަ ދޮގު ޚަބަރު ފެތުރުމުގެ ނަތީޖާއަކަށް ވާނީ މުޖުތަމައުގެ ތެރޭގައި އެއް ބައެއްގެ މައްޗަށް އަނެއް ބަޔަކު ނަފްރަތުވެ ފިތުނަވެރިކަން އުފެދުމެވެ. ބަދަލު ހިފުމުގެ ރޫހު އާލާވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި އަމަލުތައް ތަކުރާރުވުމުގެ ފުރުސަތު އިތުރުވެގެން ދިއުމެވެ،" ބަޔާނުގައިވެ އެވެ.
ޝަހީމް ވަނީ ގާސިމްގެ މަރުގެ ވަށައިގެންވާ ހުރިހާ ކަމެއް ހޯދަން ފުލުހުންނަށް ގޮވާލައްވައިފަ އެވެ. އަދި އެ މަރުގެ ފަހަތުގައި ހިމެނޭ އެންމެން ހޯދައި އިންސާފު ގާއިމްކޮށްދެއްވަން ވެސް އެދިވަޑައިގެންފައިވެ އެވެ.
ގާސިމަށް ހަމަލާދީ މަރާލަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެ އެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ ގާސިމަކީ އެއްވެސް ބަޔަކާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަން އޮންނަ މީހެއް ނޫން ކަމަށް ވެސް އޭނާގެ ގާތް މީހުން ބުނެ އެވެ.
އެކުވެރިން ގަބޫލުކުރަނީ ގާސިމަށް ހަމަލާދީ މަރާލީ ފޭރުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.
އެ ނޫން ސަބަބެއް އޮވެދާނެ ކަމަކަށް އޭނާ ދަންނަ މީހުން ގަބޫލެއް ނުކުރެ އެވެ. ފުލުހުން މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމަކަށް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ