ހުޅުމާލޭ ކަރަންޓް ހައްލުކުރެވޭނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ: ސްޓެލްކޯ
ހުޅުމާލެ އިން ކަރަންޓް ކެނޑެމުންދާ އިރު އެކަން ހައްލުކުރެވޭނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ހުޅުމާލޭގެ ކަރަންޓްގެ ކަންތައް ބަލަހައްޓާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ. ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލެއިން ކަރަންޓް ކެނޑެނީ ހުޅުމާލޭގެ ބޮޑު ޖަނަރޭޓަރެއް ފެއިލް ވުމުން ކަމަށާއި އެ ޖަނަރޭޓަރު މަރާމާތުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މަރާމާތުކޮށް ނިމި މައްސަލަ ހައްލުކުރެވޭނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ. "މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން، އަދި އަޅުގަނޑުމެންނަކަށް އަނެއްހެން ދަންނަވާކަށް ނުވެއް ކެރޭނެ މިއަދަކުއެއް އެހެން ނިމިދާނެ ކަމަކަށް. ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ، އިރާދަކުރެއްވިއްޔާ ހައްލު ކުރާނަން ވަރަށް އަވަހަށް." ނާޒިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޮޑު ޖަނޭޓަރު ފެއިލް ވުމުން ދެން ހުރި ޖަނަރޭޓަރުތަކަށް ޑިމާންޑާ އެއްވަރަށް ކަރަންޓް ފޯރުނުކޮށްދެވޭ ކަމަށާއި ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލާ ނަމަ ވަކި ޝެޑިއުލައެއްގެ ދަށުން ކަރަންޓް ދިނުމަށް ބަދަލު ކުރާނެ ކަމަށެވެ. މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ހުޅުމާލެއިން ދަނީ ދޭތެރެއަކުން ކަރަންޓު ކެނޑެމުންނެވެ. ރެއާއި މިއަދު ވެސް ކަރަންޓް ކެނޑިފައިވެ އެވެ. ކަރަންޓް ކެނޑުމަށް ފަހު އަނބުރާ ކަރަންޓު ލިބެނީ ގިނަ އިރެއް ފަހުންނެވެ. ހުޅުމާލޭގައި 30000 އަށް ވުރެ ގިނަ މީޙުން ދިރިއުޅޭ އިރު އެތައް ބަޔަކަށް ވަނީ އެކަމުގެ ދަތިތަކާއި ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ