ވިލިނގިލި ރިސޯޓުގެ މަސައްކަތް ޖުލައި މަހަކަށް ނުނިމޭނެ: ޓޫރިޒަމް މިނިސްޓަރު

އައްޑު އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރިން ހުޅުވަން ހަމަޖެއްސި ނަމަވެސް އެހާތަނަށް އެރަށުގެ މަސައްކަތް އެއްކޮށް ނުނިމިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވެއްޖެ އެވެ.
އެރަށުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް އަދި އޭގެ ފަހުން ވެސް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެކުނުގެ ތަރައްގީގެ މަޝްރޫއުތައް ބަލަހައްޓާ އޮފީހުގައި އިއްޔެ އޮތް
ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "މަސައްކަތް ހަވާލުވެފައިވާ ކުންފުނިން އެރަށުގެ މަސައްކަތް ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ.
"އެހެންނަމަވެސް ޖުލައި މަހަށް އެތަނުގެ މަސައްކަތް ނުނިންމިދާނެ. އަޅުގަނޑު މީގެ ކުރިން ބުނަމުން އައީ ވިލިގިނލި ޖުލައި މަހު ހުޅުވޭނެ ކަމަށް. އެގޮތަށް އަޅުގަނޑުމެން ދަންނަވަމުން އައީ އެމަސައްކަތް ހަވާލުވެފައިވާ އައްޑޫ އިންވެސްޓްމަންޓް ކުންފުންޏާއި ޝަންގްރިއްލާ އިން ދެމުން ގެންދިޔަ މައުލޫމާތުގެ މައްޗަށް ބިނާކޮށް،" ޑރ. ޝައުގީ ވިދާޅުވި އެވެ. "އަޅުގަނޑު މިހަފުތާގައި އެރަށަށް ކުރި ޒިޔާރަތުގައި ވެސް ފެނުނީ އެރަށުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާތަން. ވަރަށް ބޮޑެތި މަސައްކަތްތަކެއް އެތަނުގައި ކުރިއަށް ދަނީ. މިހާރު ވެސް ދެހާހެއްހާ މީހުން އެރަށުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަގެންދޭ."
ވިލިނގިލީގެ މައި ކޮންޓްރެކްޓަރު އެލިސަން ސާވިސްގެ ޗީފް އެގެޒެކެޓިވް އޮފިސަރު މުހައްމަދު އަލީ ޖަނާހު(ޖަނާ) މިއަދު ވިދާޅުވީ އެކުންފުނިން އެރަށުގައި ހަވާލުވެފައިވާ މަސައްކަތުގެ ތެރޭން ކޮންކްރިޓް މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި ފިނިޝިން މަސައްކަތް ވެސް މިހާރު ނިމެމުންދާ ކަމަށެވެ.
"މަސައްކަތް ހަމަ ރެއާ ދުވާލު ހުއްޓުމެއް ނެތި ކުރަމުން ގެންދަނީ. ދެން ބައެއް ފަހަރަށް މުދާ ގެނައުމުގައި ބައެއް ދަތިތައް އެބަ ދިމާވޭ. އޭގެތެރޭގައި މުދާ ލިބުން ލަސްވުން ފަދަ މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވޭ،" ޖަނާ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެންނާ ހަވާލު ކުރެވިފައި ހުރި މަސައްކަތް ޓާގެޓަށް ކުރިއަށް ދަނީ."
ޝަންގްރިއްލާގެ ޕަބްލިކް ރިލޭޝަން އެންޑް ހޯމް އެފެއާޒް މެނޭޖަރު ހުސެން ނަސީމު މިއަދު ވިދާޅުވީ "ވިލިނގިލި ހުޅުވަން ބޭނުން ވަނީ ވަރަށް ފުރިހަމަ އަށް ކަމަށާއި އަވަސް އަރުވާލައިގެން އެރަށް ހުޅުވަން ޝަންގްރިއްލާ އިން ބޭނުން ނުވާ" ކަމަށެވެ.
"އެއްޗަކަށް އެއްޗެއް ނުއެއް ނިންމޭނެ. ތަނެއް ހަދައިގެން ނިންމާ އިރު އެންމެ ފުރިހަމަކޮށް ނިންމަން ބޭނުން ވަނީ. ވިލިނގިއްޔަކީ ރާއްޖޭގައި މިހާތަނަށް ތަރައްގީ ކުރާ އެންމެ ވަރުގަދަ ފުރިހަމަ ރިސޯޓަށް ވާނެ. އެހެންވީމާ އެއަށް އަޅުގަނޑުމެން ބަލައިފައި އަޅުގަނޑުމެންގެ މަސައްކަތް ދާ ސްޕީޑުން މިއަހަރުގެ ފަހުކޮޅު ވިލިނގިލި ހުޅުވޭނެ،" ހުސެން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޝަންގްރިއްލާ އިން ކުރިން ނިންމައިފައި އޮތީ ވިލިނގިލީގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައި ޖުލައި މަހު ހުޅުވަން ކަމަށެވެ.
ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާވެގެން ތަރައްގީ ކުރަމުން އަންނަ 142 އެނދުގެ ވިލިނގިއްޔަކީ ރާއްޖޭގައި މިހާތަނަށް ތަރައްގީކުރާ އެންމެ އަގު ބޮޑު ރިސޯޓެވެ. އަދި މިތަނަކީ ސުނާމީ ފަދަ ހާދިސާތަކުން ވެސް ރައްކާތެރި ވެވޭ ގޮތަށް 50 އަހަރަށް ދިގުދެމިގެންދާ ގޮތަށް ތަރައްގީ ކުރެވޭ ރިސޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ