ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ ޚާއްސަ މަސައްކަތެއް ފަށަނީ

ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގެ 5ވަނަ ފޯރަމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ތަޢުލީމީ ވަޒީރު ވިދާޅުވީ ތަޢުލީމީ ނިޒާމުގައި އެއްވެސް ކުއްޖަކު ބާކީ ނުވާނެކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަޞީލަތްތައް ނެތްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި މިވަގުތު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް 600 އެއްހާ މުދައްރިސުން ބޭނުންވެއެވެ. މި ދަތިކަން ހައްލުކުރުމަށްޓަކައި އަންނަ މަހުގެ ތެރޭގައި މުދައްރިސުން ތަމްރީން ކުރުމުގެ ޚާއްސަ މަސައްކަތެއް ފަށްޓަވާނެކަމަށާއި، ކުރިއަށްވުރެ ބޮޑަށް އެފަދަ ކުދިންނަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައްވެސް ހޯއްދަވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިންކްލޫސިވް ޑިޕާޓްމަންޓުން މަޢުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައި ސްކޫލްތަކުގައި ލޮލަށް ނުފެންނަ 5 ކުދިން އެބަތިބި. އެކަމަކު އެފަދަ ކުދިންނަށްވެސް ކިޔަވައިދޭނެ އެންމެ ފުރިހަމަ ވަޞީލަތްތަކެއް ނެތް،" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކަށް މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ފަށްޓަވާފައެވެ. މިގޮތުން މިދިޔަ އަހަރު މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 135 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ