އެމްޑީޕީގެ މެންބަރުން: ޚަރަދުކުޑަކުރަން ކައުންސިލްތަކާ ނުކުޅެ, ސިޔާސީ މުވައްޒަފުން މަދުކުރޭ!
ޚަރަދުކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކާ ނުކުޅެ، ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން މިއަދު ގޮވައިލައްވައިފިއެވެ. އެމްޑީޕީގެ މެންބަރުން އެފަދައިން ގޮވައިލެއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 15، 29، 45 ގެ އިތުރުން 56-6 ވަނަ ނަންބަރަށް، ސަރުކާރު ފަރާތުން, ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވައެވެ. އެ ބިލުގައި ވަނީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފައެވެ. މި އިސްލާހު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމެވެ. ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހޭކަމަށާއި، އޭގެ ސަބަބުން އެ އިންތިޚާބުތައް ބާއްވަންޖެހޭ ޚަރަދު އިތުރުވާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފައެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް -- ފޮޓޯ/ މަޖިލިސް ބިލަށް ބަހުސްކުރައްވަމުން، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ މި ސަރުކާރު އައިގޮތަށް އޮތީ ލާމަރުކަޒީ ގާނޫނު ''ދަށުވެފައި'' ކަމަށެވެ. ސަރުކާރުން ޚަރަދުކުޑަކުރަން ބުނާ އިރު، ކައުންސިލްތައް ލާމަރުކަޒުކުރަން ނަމުގައި ލޯކަލް ގަވަނަންސް މިނިސްޓްރީއެއް އުފައްދައި އެތައް ސިޔާސީ މުވައްޒަފުންނެއް އެތަނަށް ލައިފައިވާތީ ނާޒިލް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. "[މިއޮތީ] ރައްޔިތުންނަށް ޚިދުމަތްދޭން ހުންނަ މީހާގެ ގޮނޑި ހުސްވާ ހިސާބުން ދޮޅު އަހަރު އެ ގޮނޑިއަށް މީހަކު އައްޔަނުނުކުރާ ވާހަކަ. މިއީ ހިތާމަ ހުރި ކަމެއް. މި ސަރުކާރަށް ދޮޅު އަހަރު ވިއިރު، ލާމަރުކަޒީ ގާނޫނުގެ އަށްވަނަ ބާބު ނެތި ހިނގައްޖެ،" ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ މި ސަރުކާރު ފެންނަނީ ލާމަރުކަޒީ ގާނޫނާ "އަޅައިގަނެގެން ނެއްޓެން ނޭނގިފައި އޮތް" ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. މި އިސްލާހާއެކު ރައްޔިތުންނަށް ވާނީ ގެއްލުންކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ މިހާރު ވެސް ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވާ ޕްރޮޖެކްޓުތައް ނުހިނގާ ކަމަށެވެ. ޕްރޮޖެކްޓުތައް ހުއްޓިފައި އޮތް އިރު، އަނެއްކާ ޚަރަދުކުޑަކުރުން ނަމުގައި ރަށުގައި ރައްޔިތު މީހާއަށް ޚިދުމަތް ދޭން ހުރި މީހާގެ ގޮނޑި ހުސްވުމުން ދޮޅު އަހަރު ހޭދަކުރަން ޖެހޭނީ އެމީހަކާ ނުލާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ އެއީ ތާކުންތާކު ނުޖެހޭ ބިލެއް ކަމަށް ވިދާޅުވެ، އެ ބިލު ބޭރުކޮށްލަން ގޮވައިލައްވައިފައެވެ. ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް -- ފޮޓޯ/ މަޖިލިސް ބަހުސްގައި އެ ބިލާ ދެކޮޅު ހައްދަވައި ވާހަކަދައްކަވަމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން 20 ވަނަ މަޖިލީހުގައި އިސްލާހު ގެންނަ ތިންވަނަ ފަހަރުކަމަށެވެ. ބިލުގެ ބޭނުމަކީ ޚަރަދުކުޑަކުރުން ކަމަށް ސަރުކާރުން ބުނި ނަމަވެސް، މި ސަރުކާރުން ވޭތުވެ ދިޔަ ތަނުގައި ޚަރަދުކުޑަކުރުމަށް ކައުންސިލްތަކާ ކުޅުން ނޫން އިތުރު އެއްވެސް ކަމެއް ކުރި ތަނެއް ނުފެނޭ ކަމަށް މެންބަރު ވިދާޅުވިއެވެ. "އަޅުގަނޑު ދާއިރާގެ މިއަދު ކަންކަން ހުރި ހާލަތަކީ 95 ޕަސެންޓު ނިމިފައި ހުރި އިންޖީނުގޭ އެ ތަން ރޮލޮކޭޓު ކޮށްލެވޭނެ ހާލަތެއް މިވަގުތަކު ނުފެނޭ. ޕްރޮޖެކްޓުތައް ހިންގަންވެގެން ޚަރަދުކުޑަކުރަން މިއުޅެނީ ސަރުކާރުން،" އަމީން ފައިސަލް ވިދާޅުވިއެވެ. "ޚަރަދުކުޑަކުރަން ސަރުކާރުން ހީވަނީ އެހެން ކަމެއްހެން. މި ނޫން ކަމެއް ނުފެނޭ. ވަޒީފާތަކަށް މީހުން ނަގަނީ. ރައީސް ވެސް އާ ރަށަށް ދަނީ. އާ ރަށަށް ވެސް ދާން ޖެހޭނެ. ރައީސް ހުންނަންޖެހޭނީ ފިޓުކޮށް،" އަމީން ފައިސަލް ވިދާޅުވިއެވެ. އެކަމު އެ ޚަރަދުތައް ކުރާއިރު ދާއިރާގައި ހުރި މަސައްކަތްތައް ނުހުއްޓޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) -- ފޮޓޯ/ މަޖިލިސް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި ގޮތުގައި މި ސަރުކާރަށް ދޮޅު އަހަރުވިއިރު މާ ބޮޑު ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ކައުންސިލަރަކު ދޮޅު އަހަރުތެރޭ އެ ރަށަކަށް ވަރަށް ބޮޑެތި ބަދަލުތައް އެބަ ގެންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކާ ބަލަދުވެރި ފަރާތެއްގެ ގޮތުގައި އޮތް ލޯކަލް ގަވަނަންސް މިނިސްޓްރީގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 15 ޕަސެންޓު މިހާރު މަދުކުރި ނަމަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގައި ބައި-އިލެކްޝަން ބޭއްވޭ ވަރަށް ޚަރަދުކުޑަކުރެވޭނެ ކަމަށެވެ. "ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކޮށްލައިގެން މި ޚަރަދުތައް ލިބޭނެ ގޮތަށް އޮތް ކަމަށް އަޅުގަނޑޫ ގަބޫލުކުރާތީ އަޅުގަނޑު ޖުމްލަކޮށް މި އިސްލާހާ ދެކޮޅު ހަދަނީ،" ޒިޔާދު ވިދާޅުވިއެވެ. އިސްލާހުގައި ވަނީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއްް ނޫނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އޮތް ކައުންސިލް ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ