ކުލި ހަތް ގުނަ ބޮޑުކުރުމުން ބަދަލުކުރި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ސ. މަރަދޫފޭދޫ ކެމްޕޭން އޮފީސް އަނެއްކާ ވެސް ކުރިން ހުރި ތަނަށް ބަދަލުކޮށްފި އެވެ.
މަރަދޫފޭދޫ، ޖޭޒަންގައި ހުޅުވި ކެމްޕޭން އޮފީސް އެހެން ސަރަހައްދަކަށް ބަދަލުކުރީ، 2،000ރ. އަށް ހިފިތަން 15،000ރ. އަށް ބޮޑުކުރުމުން ކަމަށް ގާސިމް އިބްރާހިމްގެ ކެމްޕޭނުގައި އިސްކޮށް މަރަދޫފޭދޫގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ނަމަވެސް އެ ތަނަށް އަލުން ބަދަލުވެފައި ވަނީ އިއްޔެ ރޭ ކަމަށް ކެމްޕޭނުގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.
އިތުބާރު ހުރި ގޮތަކަށް ހަވީރަށް އެނގިފައިވާ ގޮތުގައި އަލުން އެތަނުގައި ކެމްޕޭން ކުރުމުގެ ކަންތައް ކުރިއަށް ގެންދަން ފަށައިފައި ވަނީ ކުލި 6،000ރ. އަށް ބޮޑުކޮށްދީގެންނެވެ. އެހެން ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ އެތަނުގައި ޖެހުނީ ކުލީގެ މައްސަލައެއް ނޫން ކަމަށާއި އެތަން ހިންގަން ތިބި މީހުންގެ މެދުގައި މައްސަލަތަކެއް ދިމާވެގެން އޮފީސް ބަދަލު ކުރަން ޖެހުނީ ކަމަށެވެ.
ކުލި ބޮޑުކުރުމުން ކެމްޕޭން އޮފީސް ބަދަލުކުރި ތަނުގައި މިހާރު އަންނަނީ އޮފީސް ހަދައި ކެމްޕޭން ކުރަމުންނެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭންތައް ވަރަށް ފޯރިއާ އެކު މިހާރު ކުރިއަށް ދާއިރު އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ އެއް ކަމަކީ މިއަތޮޅުގެ ރަށްރަށުގައި ބަހައްޓައިފައި ހުރި ގާސިމްގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުން ދެމުންދާ ކަމެވެ. އެގޮތުން ބައެއް ރަށްރަށުގައި ބަހައްޓައިފައި ހުރި ބޮޑެތި ޕޯސްޓަރުތަކުގައި ކަޓަރު އަޅައި ކަފާލައިފައިވެ އެވެ. މީގެ އިތުރުން މަރަދޫގައި ހުރި ގާސިމުގެ ކެމްޕޭން އޮފީހުގެ މައި ދޮރުގެ ބިއްލޫރިގަނޑު ވެސް މިދިޔަ ހަފުތާގައި ތަޅާލައިފައިވެ އެވެ.
ރިޔާސީ އިންތިހާބު 2008: ކުލި ބޮޑުކުރުމުން ބަދަލު ކުރި ގާސިމްގެ މަރަދޫފޭދޫ ކެމްޕޭން އޮފީސް އަނެއްކާވެސް އެތަނަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ