ކައުންސެލަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ޑީއާރުސީން ފަށައިފި

ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުން ކައުންސެލަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ "މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އާންމުން ހޭލުންތެރިކުރުމާއި އަދި ފަރުވާ ދިނުމުގެ ކަންތައްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ޒުވާނުންނާއި އަދި ރިކަވަރިން އެޑިކްޓުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން،" ކަމަށެވެ.
"މިޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޑީއާރްސީގައި މިވަގުތު ފަރުވާގެ ފަހު މަރުހަލާގައި ތިބި ކްލަޔަންޓުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ހުރި ކްލަޔަންޓުން އަދި ޖަމިއްޔާ ޖަމާއަތްތަކުން މިކަމަށް ވޮލަންޓިއަ ކުރި ފަރާތްތައް" ކަމަށް ބަޔާނުގައިވެ އެވެ.
ސޯޅަ ފަރާތަކުން ބައިވެރިވި މި ޕްރޮގްމުގައި މައުލޫމާތު ދެއްވަނީ ޑިޕާޓްމެންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހިބިލިޓޭޝަން ސާވިސްގެ ފަންނީ މުވައްޒަފުންނާއި ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުން ކަމަށް ބަޔާނުގައިވެ އެވެ. އަދި މި ޕްރޮގްރާމްގައި މަސްތުވާތަކެތީގެ ސަބަބުން ލިބޭ ގެއްލުމާއި ޕިއަ ކައުންސެލިން ސްކިލްސް، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، ދީނީ މައުލޫމާތާއި ގާނޫނީ ދާއިރާގެ މައުލޫމާތު ދޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މި ޕްރޮގްރާމުގައި ތަމްރީނުކުރާ މީހުންނަށް ރިހިބިލިޓޭޝަން ސެންޓަރުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ