ޑީއާރުޕީގެ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓް އަތުން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ގަލޮޅު ދެކުނު ދާއިރާ އަށް ޑީއާރްޕީގެ ފަރާތުން ވާދަކުރައްވާ ގ.ޗާންދަނީމާގޭ އިބްރާހިމް ސުޖާއު އަތުން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި މީހަކު މިއަދު ދައުވާކޮށްފި އެވެ.
ސުޖާއުގެ މައްޗަށް ހ. ހިރިފުށި ހާމިދު އިސްމާއިލް ކުރި ދައުވާގައި ބުނެފައި ވަނީ ފަހުން އަނބުރާ ދައްކާ ގޮތަށް ސުޖާއު އޭނާ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެންގެވި ކަމަށެވެ. އަދި އެ ފައިސާގެ ބަދަލުގައި ދިން ޑޭޓެޑް ޗެކްތަކުގެ މުއްދަތު ފަހަނަޅައި ދިޔަ އިރު ވެސް ފައިސާ ނުލިބުނު ކަމަށާއި ފަހުން އެއްބައި ދެއްކެވި ނަމަވެސް އަދިވެސް 1،315،225ރ. ނުލިބި އެބަ އޮތް ކަމަށް ބުނެފައިވެ އެވެ.
ސުޖާއުގެ ވަކީލް ޝަހީމް އަހްމަދު ވިދާޅުވީ ދައުވާ އަށް ޖަވާބު ދިނުމުގެ ކުރިން ސުޖާއުއާ ވާހަކަ ދައްކަވަން ބޭނުންވާ ކަމަށާއި އެކަމަށް އެއް ދުވަހުގެ ފުރުސަތެއް ދެއްވިޔަސް މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން ގާޒީ ހާތިފް ހިލްމީ ވަނީ މައްސަލައިގެ އަޑުއެހުން މާދަމާ އަށް ޝެޑިއުލްކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ