ރައްޔިތުންގެ ކޮމެޓީއަކުން އިންޖީނުގެ ހިންގާ ގޮތަށް ހަމަޖައްސައި ނޮޅިވަރަމަށް ކަރަންޓް ދީފި

ހދ. ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން 10 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނެގުމަށް ފަހު އެ ކޮމެޓީގެ ބެލުމުގެ ދަށުން އިންޖީނުގެ ހިންގާ ާގޮތަށް ހަމަޖައްސައި، އެ ރަށު އިންޖީނުގެ ހުޅުވައި އިއްޔެ ރަށަށް އަލުން ކަރަންޓް ދޭން ފަށައިފި އެވެ.
ސަރުކާރުގެ އޮފީސްތަކާއި ރައްޔިތުން ވާހަކަ ދައްކައިގެން ރައްޔިތުންގެ ތެރެއިން ވޯޓުލައިގެން ހޮވާފައިވާ ވަގުތީ ބޯޑުގެ ރައީސް މުހައްމަދު މުސްތަފާ ބުނީ މިބޯޑަކީ އެއް މަސްދުވަހުގެ މުއްދަތަށް ހޮވާފައިވާ ބޯޑެއް ކަމަށާއި އޭގެ ފަހުން ރައްޔިތުން އަލުން ވޯޓުލައިގެން ދާއިމީ ބޯޑެއް ހޮވާނެ ކަމަށެވެ.
"މީގެ ފަހުން އިންޖީނުގޭގެ ހުރިހާ ކަމެއް ބަލަހައްޓާނީ ރައްޔިތުންގެ މި ބޯޑުން. މި ބޯޑުގައި ސަރުކާރުގެ ނުފޫޒު ފޯރާވަރުގެ އެއްވެސް މީހަކު ނުހުންނާނެ،" މުސްތަފާ ބުންޏެވެ.
ހދ. އަތޮޅުވެރިޔާ މުހައްމަދު ދީދީ މިއަދު ވިދާޅުވީ މި ބޯޑު އެކުލަވާލާފައި ވަނީ ރައްޔިތުންގެ ތެރެއިން ވޯޓުލައިގެން އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ. މި ކޮމެޓީގައި ރަށު އޮފީހުގެ އެއްވެސް މުއައްޒަފަކު ހިމެނިފައި ނުވާނެ ކަމަށް ވެސް އަތޮޅުވެރިޔާ ވިދާޅުވި އެވެ. އިންޖީނުގެ ކުރިން ހިންގަމުން އައީ ރަށު އޮފީހުގެ ބެލުމުގެ ދަށުންނެވެ.
އަލަށް އެކުލަވާލި ބޯޑުން މިހާރު ތައްޔާރުވަނީ އިންޖީނުގެ އޯޑިޓް ކުރުމުގެ މަސައްކަތަށް ކަމަށާއި އޯޑިޓް ކުރުމަށްފަހު އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ހިޔާނާތްތެރިވެފައި ވާނަމަ އެ މައްސަލައެއް ޝަރީއަތަށް ހުށަހަޅާނެ ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
ހުކުރު ދުވަހު ރައްޔިތުންގެ ބަޔަކު އިންޖީނުގެ ބަންދުކުރި ދެ ވަނަ ސަބަބަކީ ތިން މަސް ދުވަހުގެ ކަރަންޓް ބިލް މާފުކޮށްދިނުމަށް އެދިފައިވާތީ އާ ބޯޑުން ވަނީ އެކަމާ މެދު ވެސް ފިޔަވަޅު އަޅައިފަ އެވެ.
މުސްތޮފާ ވިދާޅުވީ ކަރަންޓް ބިލްތައް މާފުކޮށް ނުދެވުނު ނަމަވެސް ބިލް ދައްކަން ލުއެއް ދީފައިވާ ކަމަށެވެ. އެގޮތުން މިހާރު ހަމަޖައްސާފައި ވަނީ އެކި މަސްމަހަށް ބަހާލައިގެން ކަރަންޓް ބިލް ދައްކާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ