ކަރަންޓް ސަބްސިޑީއަށް ބަދަލު ގެނައި ނަމަވެސް ތިންބައިކުޅަ ދެބައި މީހުންނަށް އެއްވެސް އަސަރެއް ނުކުރޭ: ޒުހޫރު

ސްޓެލްކޯއާއި ފެނަކައަށް ސަރުކާރުން ސަބްސިޑީ ދެމުން ގެންދިޔަ އުސޫލަށް ބަދަލު ގެނައި ނަމަވެސް އެ ދެ ކުންފުނިން ހިދުމަތް ހޯދާ މީހުންގެ ތިންބައިކުޅަ ދެބައި މީހުންގެ ކަރަންޓް ބިލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހްމަދު ޒުހޫރު އެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯއާއި ފެނަކައަށް ސަރުކާރުން ސަބްސިޑީ ދެމުން ގެންދިޔަ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ސްޓެލްކޯ އިން ހިދުމަތް ހޯދާ މީހުންގެ 70 އިންސައްތަ އަދި ފެނަކައިން ހިދުމަތް ހޯދާ 80 އިންސައްތަ މީހުންގެ ކަރަންޓް ބިލަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯއާއި ފެނަކައަށް ސަރުކާރުން ސަބްސިޑީ ދެމުން ގެންދިޔަ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ސްޓެލްކޯ އިން ހިދުމަތް ހޯދާ މީހުންގެ 10 އިންސައްތަ އަދި ފެނަކައިން ހިދުމަތް ހޯދާ 12 އިންސައްތަ މީހުންގެ ކަރަންޓް ބިލް ވަނީ ކުޑަވެގެން ގޮސްފައި ކަމަށެެވެ. އަދި މިބަދަލާއި ގުޅިގެން ކަރަންޓް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސް ދައްކަންޖެހޭ އެއްޗެއްގެ އަގު ބޮޑުވެފައިވަނީ ސްޓެލްކޯ އިން ހިދުމަތް ހޯދާ 19 އިންސައްތަ މީހުންނާއި ފެނަކައިން ހިދުމަތް ހޯދާ ނުވަ އިންސައްތަ މީހުންނަށް ކަމަށްވެސް ވިދާޅުވި އެވެ.
"[ސަބްސިޑީއަށް] ބަދަލު ގެނައި އިރު އަޅުގަނޑުމެން އެބަދަލު ގެނައީ އެ ސަބްސިޑީ ޑައިރެކްޓްކޮށް ކުޑަކުރުމުގެ ބަދަލުގައި، ތެޔޮ އެތެރެކުރާ ފަރާތަކީ އެސްޓީއޯ. އެހެންވީމާ އެސްޓީއޯއަށް ސަރުކާރުގެ ޓީމެއް ގޮސް އެސްޓީއޯގައި އޭރު ވިއްކަމުން ދިޔަ އަގު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް އެސްޓީއޯގެ ތެލުގެ އަގު ވަރަށް ބޮޑަށް ކުޑަކުރީ. ކޮށްފައި ހަމައެއާ އެކީގައި ސްޓެލްކޯއަށް އަޅުގަނޑުމެން ގޮސް ސްޓެލްކޯގެ އެފިސިއެންސީ ގެނައުމަށް ހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލައި އަލުން އެބޭފުޅުންގެ [ސްޓެލްކޯ]ގެ ކަލްކިއުލޭޝަންތައް ރިވިއުކޮށް، އެގޮތުން އެ ކަލްކިއުލޭޝަންތައް ވެސް އަޅުގަނޑުމެން ކުޑަކުރީ. ހަމައެއާ އެކީގައި ފެނަކައިގައި ވެސް އަޅުގަނޑުމެން މިހެދީ އެހެން. ކޮށްގެން އެ ސަބްސިޑީ އަޅުގަނޑުމެން މި ރިމޫވް ކުރީ،" ސްޓެލްކޯއާއި ފެނަކައަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމުގެ ކުރިން ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ސާފުކޮށްދެއްވަމުން ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮންމެ ކަމަކަށް ސަބްސިޑީ ދެމުން ގެންދިޔަ ނަމަވެސް ކާޑުގެ ބާވަތްތަކަށާއި ކަރަންޓަށް ދެމުން ގެންދިޔައީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ދެވޭ ހޯލްސޭލް ސަބްސިޑީއެއް ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ މާލީ އިދާރާތަކުން، ސަބްސިޑީ ދިނުމުގެ އުސޫލަށް ހާއްސަކޮށް ކާޑާއި ކަރަންޓް ސަބްސިޑީ ދެމުން ދިޔަ އުސޫލަށް ބަދަލު ގެނައުމަށް ސަރުކާރަށް ކެނޑިނޭޅި ފިއްތުތައް ކުރިމަތިކުރަމުން ދިޔަ ކަަމަށް ވިދާޅުވި އެވެ. ސަބްސިޑީ ދިނުމުގެ އުސޫލަށް މައިގަނޑު ގޮތެއްގައި ބަދަލު ގެނައީ މިސަބަބާ ގުޅިގެން ކަމަށާއި ނަމަވެސް ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލު ގެނައީ އާންމު ރައްޔިތުންނަށް އެކަމުން ލިބޭނެ ގެއްލުން ވީހާވެސް ބޮޑަކަށް ކުޑަކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ކަރަންޓް ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލު ގެނައުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ރޭޓަކުން ކަރަންޓް ޔުނިޓަކަށް އަގު ނެގޭނެ ގޮތް ވެސް ހެދިފައިވާ ކަމަށެވެ. އެހެންކަމުން ކަރަންޓާ ގުޅިފައިވާ ކަންކަމަށް ގެނެވިފައިވާ މިބަދަލުތަކާއެކު ރައްޔިތުންނަށް އެއްވެސް އަސަރެއް ނުކުރާކަން އެއްކުރެވިފައިވާ މައުލޫމާތުން އިނގޭ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މީޑިއާ އާއި އިދިކޮޅު ފަރާތްތަކުން މި މަައުލޫމާތު ރައްޔިތުންނާ ހިސާބަށް ގެނެސްދެމުން ދިޔައީ އޭގެ އެންމެ ގޯސް ސިފައިގައި ކަމަށްވެސް ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ކަރަންޓާއި ކާޑުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނައި ބަދަލަކީ ފަހަރެއްގައިވެސް ރައްޔިތުންނަށް ލިބިލިބި ހުރި އެއްޗެއް ކަނޑާލައި ސަރުކާރުގެ ބޭނުމަށް ލާރި އެއްކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދައަށް ވުރެ ބޮޑު ހޭދައެއް މިހާރުވެސް ޒުވާނުންގެ ކަންކަމަށާއި ތަރައްގީއާ ގުޅިފައި ހުރި ކަންކަމަށް ސަރުކާރުން ހޭދަކުރާ ކަމަށްވެސް ވިދާޅުވި އެވެ.
"ޖެހިގެން އުޅޭ ކަންތައްތަކަކީ މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ދެމުންގެންދާ ލޯނުގެ އެހީތެރިކަން ނުވަތަ ކޮންސެޝަނަލް ލޯން މިކަހަލަ އެހީތެރިކަމަށް ބުރޫއަރާތީވޭ މިކަންތައްތައް ކޮންޓިނުއެސް ކުރެވެން އެބަޖެހޭ. މި އެހީތެރިކަން ލިބިގެން އަޅުގަނޑުމެންނަށް ރައްޔިތުން ބޭނުންވާ ޕްެރޮޖެކްޓްތައް ކޮންޓިނުއެސް ކުރެވެން އޮތީ. އެހެންވީމާ އެކަންކަމަށް މަގުކޮށުމަށް ކުރެވެމުންދާ މަސައްކަތްތަކެއް ކުރެވެމުން މިދަނީ. އެއްވެސް ހާލަތެއްގައި ރައްޔިތުންނަށް ލިބިލިބި ހުރި ހިދުމަތެއް ހުއްޓާލާފައި ސަރުކާރަށް ލާރިއެއް ސޭވްކުރުމެއްް ނޫން މީގެ ބޭނުމަކީ އެއް،" ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެންނަމުންދާ ބަދަލުތައް ދިފާއުކުރައްވާ ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރު ޒުހޫރު އިތުރަށް ވިދާޅުވީ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް ދަތިތަކެއް ތަހައްމަލް ކުރަންޖެހޭނަމަ ސަރުކާރުން އެކަމެއް ބަލައި އެކަމަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެެވެ.
ކަރަންޓާއި ފެނަށް ސަރުކާރުން އާންމު ސަބްސިޑީ ދިނުން ހުއްޓާލައި ހައްގުވާ ވަކި ބަޔަކަށް ސަބްސިޑީ ދިނުމުގެ އުސޫލެއް އެކުލަވާލާ އަމަލުކުރަން ފެށި ފަހުން ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެގެން ގޮސްފައިވާ ކަމަށް ބުނެ ބައެއް ރަށްރަށުގެ ރައްޔިތުން މުޒާހަރާކޮށްފައިވާއިރު ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކަރަންޓްގެ ޓެރިފް ރޭޓް ތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މީގެކުރިން އިއުލާންވެސް ކުރެއްވި އެވެ. އެކަމަކު މިހާތަނަށްވެސް ކަރަންޓްގެ އަގަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްފަައި ނުވަނީސް ސްޓެލްކޯ އިން ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނަގަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.
ސްޓެލްކޯ އިން ބުނީ ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް ނިންމީ އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަަމަށެވެ. އެގޮތުން އެކުންފުންޏަށް މިހާރު ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 8.12 ރުފިޔާއަށް ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯގެ މި ނިންމުމާ ގުޅިގެން ގެއެއްގެ ކަރަންޓް ބިލަށް މަހަކު 1،000 ރުފިޔާ އަރާނަމަ ސާޗާޖުގެ ގޮތުގައި ގާތްގަނޑަކަށް 35 ރުފިޔާ ވަރު އިތުރަށް ނަގާނެ އެވެ.
ސްޓެލްކޯ އިން ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް ނިންމުމުން ފެނަކަ އިން ވެސް މިގޮތަށް ކަރަންޓް ޔުނިޓަކަށް ޗާޖު ކުރާނެ ކަމަށް ބައެއް ކައުންސިލް އިދާރާތަކުން ބުނެ އެވެ. ނަމަވެސް ފެނަކައިން ސާޗާޖުގެ ގޮތުގައި އިތުރަށް ލާރި ނެގުމާއި މެދު އަދިއެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ