ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް، މަނަދޫއަށް ކަރަންޓު ދީފި

ނ. މަނަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި އެވެ. އެ ރަށުން ކަރަންޓު ކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މަނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަލީ މިރޭ އަވަސްއަށް ވިދާޅުވީ، ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު މެންދުރުފަހުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދިޔަ ކަމަށެވެ.
އިބްރާހިމް ވިދާޅުވީ، ރަށުން އެއްކޮށް ކަރަންޓު ކަނޑާނުލާ ކަމަށާއި މައްސަލަ ހައްލުވެގެން ދިޔަ ވަރަކަށް ކަރަންޓު ދޫކުރަމުން ދިޔަ ކަމަށެވެ.
"މިހާރު ވަނީ މައްސަލަ ވަނީ ހައްލުކުރެވިފައި، ކަރަންޓު ލިބޭ މިހާރު،" އިބްރާހިމް ވިދާޅުވި އެވެ.
މަނަދޫގައި ހުންނަނީ 400 ކިލޯ ވޮޓުގެ ޖަނެރޭޓަރަކާއި 250 ކިލޯ ވޮޓުގެ ޖެނެރޭޓަރެއްގެ އިތުރުން 160 ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ. މައްސަލަ ޖެހުނީ 400 ކިލޯ ވޮޓުގެ ޖަނަރޭޓަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ