މައުމޫން އެނބުރި ވަޑައިގަތުމަށް ރައީސް އެދިވަޑައިގެންފި

ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދަވާފައިވާތީ، ސަރުކާރާ އެކު އެނބުރި ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންފި އެވެ. އެ ޕާޓީގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އަސްލު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އެންމެ ޝަރަފްވެރި މެމްބަރަކީ ޕާޓީގެ ރައީސް ކަމަށެވެ. އަދި ރައީސްގެ ވިސްނުންފުޅު އޮންނާނީ ޕާޓީގެ ކުރިމަގާ ދޭތެރޭގައި ކަމަށާއި ޕީޕީއެމްގެ ކުރިއެރުމަށް ރައީސް މައުމޫންގެ އިރުޝާދު ބޭނުންވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދަންނަވާލާނީ އަޅުގަނޑުމެންނާ އެކު ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ. ކެތްތެރިކަމާ އެކު އަޅުގަނޑުމެންނާ އެކީ ޕާޓީގެ ކައުންސިލާއި ޕާޓީގެ އުސޫލުތަކާއެކީ މަނިކުފާނާ އެކީ ހިންގަން މި ތިބީ ތައްޔާރަށޭ، ރައީސް އަބްދުﷲ ޔާމީން ނިހާން ޔާމީން، ޕީޕީއެމް، ރައީސް ޔާމީން އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން ފެށީ މިއަހަރުގެ އަޟްހާ އީދުގެ ތެރޭގައި ކަމަށެވެ. އެމައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް، ޕާޓީގެ ކައުންސިލުން ކުރެއްވި ކަމަށާއި ނަމަވެސް އެ މައްސަލަތަކަށް ހައްލު ނުހޯދުނު ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅީ ވަކި ޝަޚްސަކާ ދެކޮޅަށް ނޫން ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅީވެސް ދެ ފަރާތުން ވާހަކަ ދައްކައިގެން އެތެރޭގެ މައްސަލަތައް ހައްލު ކުރުމުގެ މަގްސަދުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޕާޓީ ތެރެއަކުންނެއް ނޫން ދެ ކައުންސިލް އުފައްދަން ވީކީ. އަޅުގަނޑުގެމްނެ ޕާޓީ ތެރެއަކުންނެއް ނޫން އަޅުގަނޑުމެންގެ ފަހަތަށް ޚަންޖަރު ޖަހަން ޖެހޭނީކީ. އަޅުގަނޑުމެންގެ ޕާޓީއަކީ އެއް ވަޒަނެއްގައި، އެއް މީޒާނެއްގަ އެއް މިސްރާބަކަށް ދަތުރު ކުރުމުގެ ގާބިލްކަން ހުރި އަދި ކެރޭ ޕާޓީއަކަށް ވާން ޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަމާއެކު މިއަދު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އަދި އެޕާޓީގެ އަޒުމަކީ ރައްޔިތުންގެ ޕާޓީއަކަށް ވުން ކަމަށާއި ޕާޓީ ހިނގަން ޖެހޭނީ ވަކި އުސޫލުތަކެއްގެ ތެރޭގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ޕީޕީއެމަކީ ވަކި މީހެއްގެ ފަހަތުގައި އޮންނާނެ ޕާޓީއެއް ނޫންކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީއަކީ އެމަނިކުފާނުގެ ފަހަތުން އެނބުރޭ ޕާޓީއަކަށްވެސް ވެގެން ނުވާނެ ކަމަށެވެ. "މި ޕާޓީ އަކީ ވަކި އުސޫލުތަކެއްގެ ވަށާ އެނބުރޭ ޕާޓީއެއް. މިޕާޓީއަކީ ވަކި މީހެއްގެ ހިޔަނީގައި ހުންނަން ޖެހޭ ޕާޓީއެއްކަމަށް ނުވާނެ. މި ޕާޓީއަކީ ރައީސް ޔާމީންގެ ފަހަތުގައި އެނބުރޭ ޕާޓީއެއް ކަަމަށް ވެގެން ނުވާނެ. މި ޕާޓީއަކީ އުސޫލުތަކުގެ މަތީގައި ވެރިކަމަށް އާދެވުނު ޕާޓީއަކަށްވީމަ ވެރިކަން ދަމަހައްޓާ ޕާޓީއަކަށް ވާން ވާނެ،" ރައީސް ވިދާޅުވިއެވެ. މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ، ތަކުރާރުކަށް ޕާޓީގެ ވިސްނުމާއި ސަރުކާރާ އެކު އެނބުރި ވަޑައިގަތުމަށް ރައީސް މައުމޫންގެ އަރިހެން އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނަށް ބުރަވާ ކަހަލަ ގޮތަށް ޖަލްސާގައި ވާހަކަ ދެއްކެވި އެއްވެސް ބޭފުޅަކު ވާހަކަ ދައްކަވާފައި ނުވެއެވެ. ރައީސް މައުމޫން، ޕީޕީއެމްގެ މި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވީ ރާއްޖޭގައި ކޮަރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ބޭރުގެ ނުފޫޒު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ބަދުނާމު އެމަނިކުފާނު ބޮލުގައި އެޅެން ބޭނުންފުޅު ނުވާކަން ހާމަކުރައްވަމުންނެވެ. ސަރުކާރަށް ކުރާ ތާއީދު މައުމޫން އަނބުރާ ގެންދުވުމާއެކު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް ވަނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވުމަށްފަހު، ވަކި ޕާލިމެންޓަރީ ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މި މެމްބަރުންވެސް، އެނބުރި ވަޑައިގަތުމަށް ރައީސް ޔާމީން މިރޭ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ