އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ފެއިލްވެ އޮތް ތަނެއް ކަމަށާއި އެތަން އެކުލަވާލާފައިވާ އޮތް ބަދަލު ވެސް ކުރަން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.
އޭނަގެ ބްލޮލްގައި މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ އޭސީސީ ފެއިލްވެފައި އޮތުމުން މިހާރުގެ ސްޕީޑުން ބަލާއިރު، އެތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މި ވަގުތު ނުނިމި ހުރި މައްސަލަތައް ނިންމަން 11 އަހަރު ނަގާނެ ކަމަށެވެ.
ޝަމީމު ވިދާޅުވީ އެންމެނަށް އެއްބަސްވެވޭ ކަމަކީ، ކޮރަޕްޝަން ނައްތާލުމަށް އުފައްދާފައިވާ ކޮމިޝަން ފެއިލިވެފައިވާކަން ކަމަށެވެ. އަދި އެ ކޮމިޝަނުގެ ފެންވަރު ދަށް ކަމަށް ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ 2024 ގެ ތަފާސް ހިސާބު ދައްކާ ގޮތުން، މިހާތަނަށް ކޮމިޝަނުގައި ގޮތެއް ނުނިމި، ތަޙްޤީޤު މަރްޙަލާގައި އޮތް 1،036 މައްސަލަ އާއި ޕްރިލިމިނަރީ މަރްޙަލާގައި އޮތް 2465 އާއެކު، ޖުމްލަ 3501 މައްސަލަ އެބައޮތް ކަމަށެވެ. އަދި އަހަރަކު ކޮމިޝަނަށް ގޮތެއް ނިންމުނީ، ތަޙްޤީޤު މަރްޙަލާއިން ނިންމި 173 މައްސަލަ އާއި ޕްރިލިމިނަރީ މަރްޙަލާއިން ނިންމި 124 މައްސަލައާއެކު 297 މައްސަލަ ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިހާރު ދާ ސްޕީޑުން، މިވަގުތު ބާކީ ނުނިމި ހުރި މައްސަލަތައް ނިންމަން މަދުވެގެން 11 އަހަރު ނަގާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއީ މި އަހަރުން ފެށިގެން 2037 ވަނަ އަހަރާ ހަމައަށް އައު މައްސަލައެއް ހުށަނޭޅޭ ނަމަ ކަމަށް ވެސް ޝަމީމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ 297 މައްސަލައިގެ ތެރެއިން ޝަރީޢަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލަ ކަމަށެވެ. އަދި އޭސީސީގެ ތަޙްޤީޤީ ނިޒާމު އެއްކޮށް ފެއިލިވެފައިވާކަމީ ކޮމިޝަނުން ނެރުނު ތަފާސްހިސާބުން ފެންނަން އޮތް ޙަގީގަތެއް ކަމަށް ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ ކޮރަޕްޝަންގެ ތަޙްޤީޤީ ނިޒާމު އިޞްލާޙުކުރަން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ، އޭސީސީ މިހާރު އޮތް ގޮތް އެއްކޮށް ބަދަލުކުރުން ކަމަށެވެ. އަދި ވޭތުވެ ދިޔަ 20 އަހަރުގެ ތަޖުރިބާއިން އެނގުނީ، އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާއެއް ނުނެރެވޭކަމެވެ. ޚާއްޞަކޮށް، 5 މެމްބަރުންގެ ކޮމިޝަނެއްގެ ސިފައިގައި އޮވެގެން ނެރެވުނު ނަތީޖާއެއް ނެތް ކަމަށެވެ.
އެހެންވެ އޭނަގެ ހުށަހެޅުމަކީ އޭސީސީގައި 5 މެމްބަރުން ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުން ކަމަށް ޝަމީމު ވިދާޅުވި އެވެ. އެއީ ޕްރޮސިކިއުޓަ ޖެނެރަލާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނަރު ހޮވާނީ ޕްރޮސިކިއުޓަ ޖެނެރަލްވެސް ހޮވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުން. އޭނާގެ ތިބޭނީ، އޭނާ ޢައްޔަންކުރާ ދެ ޑެޕިއުޓީން. އެއީ ތަޙްޤީޤީ އިދާރާތަކުގެ ތަޖުރިބާ ހުރި ޑެޕިއުޓީއަކާއި ޕްރޮސިކިއުޝަނާއި ޤާނޫނީ ދާއިރާގެ ތަޖުރިބާހުރި ޑެޕިއުޓީއެއް،" ޝަމީމު ވިދާޅުވި އެވެ. "އޭގެ އިތުރުން، ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުންނާނެ.. ކޮމިޝަނަރު ޢައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުން. ބާކީ މީހުންނަކީ ކޮމިޝަނަރުގެ ޓީމެއް. ކޮމިޝަނުގެ ދެންތިބި މުވައްޒަފުންނަކީ އެކި އޮފީސްތަކުން ވީއްލާ ފަންނީ އަދި އިދާރީ މީހުން."
އޭސީސީ އޮތީ ފެއިލްވެފައި، ބަދަލު ކުރަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ