އަނިޔާގައި ހުރި ލުކަކޫ ބެލްޖިއަމްގެ ސްކޮޑުގައި ހިމަނައިފި

ކުރިއަށް އޮތް ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ބެލްޖިއަމްގެ ސްކޮޑުގައި އަނިޔާގައި ހުރި ފޯވަޑް ރޮމެލޯ ލުކަކޫ ހިމަނައިފި އެވެ.
އިޓަލީގެ ނަޕޮލީއަށް ކުޅެމުންދާ އުމުރުން 33 އަހަރުގެ ލުކަކޫ ސްކޮޑުގައި ހިމަނާފައިވާއިރު ފަހަކަށް އައިސް އޭނާގެ ފޯމު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މި ސީޒަނުގައި އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަތް މެޗުގައި ކުޅެފައިވަނީ ޖުމްލަ 69 ވަރަކަށް މިނިޓުގަ އެވެ.
ބެލްޖިއަމް އަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި ހުރި ލުކަކޫ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 124 މެޗުން 89 ގޯލު ޖަހާފަ އެވެ.
ލުކަކޫ ބެލްޖިއަމްގެ ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ވޭލްސް އާއި ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގެ މެޗެކެވެ. އެ މެޗުން ބެލްޖިއަމް މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.
ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނެފައިވަނީ ލުކަކޫ ސްކޮޑުގައި ހިމަނާފައިވަނީ އޭނާ އަނިޔާއިން ރަގަޅުވެފައިވާތީ ކަމަށެވެ. އަދި މިވަގުތު އޭނާގެ މެޗު ފިޓްނަސް ދަށްކޮށް ހުރިނަމަވެސް ލުކަކޫ އަކީ ބެލްޖިއަމްގައި ހުރި އެންމެ މޮޅު ފޯވަޑް ކަމަށެވެ.
ފީފާ ވޯލްޑްކަޕްގައި ބެލްޖިއަމް އާއި އެއް ގްރޫޕެއްގައި ހިމެނެނީ މިސްރާއި އިރާންގެ އިތުރުން ނިއު ޒިލޭންޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ