ކުރީގެ 3 ރައީސުން ގުޅުން: ފުރަތަމަ ގޮވާލުމަކީ ނޫސްވެރިން މިނިވަންކުރުން

ސަރުކާރު ޒިންމާދާރުކުރަން ގުޅިގެން މަސައްކަތްކުރަން ލިޔުމުން އެއްބަސްވެވަޑައިގެން، ޖަލަށް ލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދާއި ޔާމީން އަދި ސޯލިހު ގުޅިގެން މަސައްކަތްކުރަން ނިންމެވީ ކްރިމިނަލް ކޯޓުން ނެރުނު 'ގެގު' އަމުރަކާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ކުރި ހުކުމްތަކާ ވިދިގެން، މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ.
ތަފްސީލު - އެ ތިން ބޭފުޅުން މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ބޭފުޅުން ވެސް ވިދާޅުވީ ކޮންމެ ބޭފުޅެއްގެ ފަރާތުން ވެސް ޓީމެއް އެކުލަވައިލާނެ ކަމަށާއި އެއަށް ފަހު ކުރިއަށްދާނެ ގޮތެއް ރާވާނެ ކަމަށެވެ.
ނަމަވެސް މިވަގުތު، ފުރަތަމަ ކަމަކަށް ސަރުކާރަށް ޑިމާންޑު ކުރަނީ، ތިން ރައީސުން ވެސް ވިދާޅުވި ގޮތުގައި، ޖަލަށް ލާފައިވާ ނޫސްވެރިންނާއި އެކަމާ އަޑުއުފުލުމާ ގުޅިގެން ބަންދުކުރި ހުރިހާ އެންމެން މިނިވަންކޮށް، ނޫސްވެރިންގެ މައްޗަށް ހިންގާ ގައިރު ގާނޫނީ ޝަރީއަތްތައް ހުއްޓާލުމަށެވެ.
އެ ތިން ބޭފުޅުން ސޮއިކުރެއްވި ކަރުދާހުގައި އެ ނޫނަސް މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:
ގާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަތުން
ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން
ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވައިލުން
މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވައިލުން
މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން
ނޫސްވެރިން ޖަލަށްލުން
އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގެންފައިވީ ނަމަވެސް އެކަންކަން އިސްލާހު ނުކުރުން
އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިއުން
".... ގައުމު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑުމެން ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ،" ތިން ބޭފުޅުން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވެ އެވެ.
ނަޝީދު، ޔާމީން އަދި ސޯލިހު ވެސް ވިދާޅުވީ އެ ތިން ބޭފުޅުން އިސްވެ ތިއްބަވައި، ސަރުކާރުން އިސްލާހުކުރަން ގޮވާލާ ކަންތައްތަކަށް އިޖާބަދިނުމާ ހަމައަށް، އެ މަސައްކަތްތައް ނުހުއްޓައި ކުރިއަށްގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ