އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި، އެ ގައުމުގެ އޮފިޝަލުންނާއި ވަޒަންވެރިން މަސްޖިދުލް އަގްސާ ތެރެއަށް ވަދެގަތް ވަދެގަތުން ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނަމާދުކުރާ މީހުންނަށް މަސްޖިދުލް އަގްސާއަށް ނުވަދެވޭ ގޮތަށް ހުރަސްތައް ކުރިމަތިކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ އެތަނުގެ މުގައްދަސްކަމާއި، ގާނޫނީ ހައިސިއްޔަތުގެ އިތުރުން، އެ ބިނާގެ ތާރީހީ އަދި ދީނީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިނާތަކުގެ ތެރޭގައި ހިމެނޭ މި މިސްކިތާ ގުޅޭގޮތުން ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލުތަކަށް ބޯނުލަނބައި، އިޒްރޭލުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާތީ ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، އިޒްރޭލު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށާއި، އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލާ ގޮވާލުން އާކުރަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އިޒްރޭލު އޮފިޝަލުން އަގްސާއަށް ވަދެގަތް ވަދެގަތުން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ