ފީނަން ގޮސްއުޅެނިކޮށް ގެއްލިފައިވާ އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް އިޓަލީގެ ފަންނީ މާހިރުންގެ އެހީއާއި އާލާތްތައް ފޯރުކޮށްދީ އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް އެ ޤައުމުން އަންގާފައިވާކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުންވެސް މި ސަރޗް އޮޕަރޭޝަންގައި އެހީވުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާކަމަށެވެ.
އިޓަލީގެ 5 ޑައިވަރަކު ފީނަން ގޮސްއުޅުމުގެ ތެރޭގައި ގެއްލިގެން އެމީހުން ހޯދުމަށް އެމްއެންޑީއެފްއިން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދަށް ވަޑައިގަންނަވާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މިއޮޕަރޭޝަނަށް އެހީތެރިވާން އެދޭ ޤައުމުތަކުގެ އެހީތެރިކަން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާތީ، ޚާރިޖީ ވުޒާރާއިން އިޓަލީ ސަރުކާރާއި އަދި އަވައްޓެރި ޤައުމުތަކާއި ދޭދޭގުޅުން އޮތް ޤައުމުތަކާއެކު މަޝްވަރާކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އިޓަލީ ސަރުކާރުން މިހާރު، އެޤައުމުގެ ފަންނީ ތަޖުރިބާކާރުންގެ ޓީމަކާއި މިސަރޗް އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށް ތައްޔާރަތްއޮތްކަން ހާމަކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސްގެ އިރުޝާދުފުޅާއެކު ޚާރިޖިއްޔާއިން މިއަދު މަސައްކަތްކުރީ، އިޓަލީ ސަރުކާރުގެ އެންމެ މަތީ ލެވެލްއަށް މަޝްވަރާކޮށްގެން އެބޭފުޅުންގެ ފަރާތުން އަޅުގަނޑުމެނަށް ޓެކްނިކަލް އެހީ އެގޮތުން ޓެކްނިކަލް އެކްސްޕާޓުން ރާއްޖެ ވަޑައިގަތުމާއި ކޮމްޕްލިކޭޓެޑް ސަރޗް އޮޕަރެޝަނެއްކަމުން ބޭނުންވާ ތަކެތި ރާއްޖެ ގެނައުމުގެ އިންތިޒާމުތައް މިހާރު ހަމަޖެއްސިފައިވަނީ." ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، މިޙާދިސާގައި ގެއްލިފައިވާ ޑައިވަރުން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ސަރުކާރުންވެސް ތައްޔާރުކަން އެޤައުމުތަކުން ފާހަގަކުރައްވާފައިވާކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، އިޓަލީގެ ޑައިވަރުންތަކެއް ފީނަން ގޮސްއުޅުމުގެ ތެރޭގައި ގެއްލުނު ޙާދިސާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވާކަމަށެވެ. އަދި މިސަރޗް އޮޕަރޭޝަންގެ ކަންކަން ކުރިއަށްދާގޮތް އިޓަލީގެ ޚާރިޖިއްޔާއަށް ފޯރުކޮށްދެމުންދާކަމަށް ވިދާޅުވިއެވެ.
އިޓަލީގެ 5 ޑައިވަރުން ގެއްލިފައިވަނީ ވ.އަތޮޅުގައި އާންމުކޮށް މީހުން ފީނަން ގޮސް ނޫޅޭ ސަރަޙައްދެއްގައި ހުރި ކޭވްއަކަށް ފީނަން ގޮސްއުޅެނިކޮށެވެ. މީގެތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު އަނެއް 4 މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޑައިވަރުން ހޯދުމަށް އިޓަލީގެ ޓެކްނިކަލް ޓީމަކާއި ވަޞީލަތް ފޯރުކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ