ރައީސް މުހައްމަދު މުއިއްޒު ގައުމު ހަމަ މަގަށް އަޅުއްވައި ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ނުކުރައްވަނީސް، އެކުގައި މިރޭ ފެއްޓެވި މަސައްކަތް ނުހުއްޓަވާނެ ކަމަށް ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި އަބްދުﷲ ޔާމީން އަދި މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ނަޝީދާއި ޔާމީން އަދި ސޯލިހު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ރައްޔިތުން މިހާރު ކަޑައްތު ކުރަމުންދަނީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި މިފަދަ ދުވަސްވަރެއްގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަކީ އެންމެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ތިން ރައީސުން ވިދާޅުވީ ނޫސްވެރިން ޖަލަށް ލުމާއި ޝަރުއީ ނިޒާމުގެ ތެރެއިން ނޫސްވެރިކަމަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުންދާ ކަންކަމާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލައިފަ އެވެ. އެހެންވެ، ޔާމީނާއި ނަޝީދާއި ސޯލިހު މިރޭ ވަނީ މިހާރުން މިހާރަށް ދެ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ. އެއީ:
ޖަލަށް ލާފައި ތިބި ދެ ނޫސްވެރިންނާއި އެކަމުގައި އަޑުއުފުލައިގެން ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުން
ނޫސްވެރިންގެ މައްޗަށް ހިންގާ ގައިރު ގާނޫނީ ޝަރީއަތްތައް ހުއްޓާލުން
"އުނދަގޫވޭ [ކޯޓުގެ] މި އޯޑަރުތައް ނުކުމެ އޮތީމަ. އެހެން ނަމަވެސް އެއާ އެކީ ވެސް އަޅުގަނޑުމެން ބޭނުންވަނީ މި ކަންކަމުގައި އިހުތިޖާޖު ކުރަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ކަމަށެވެ. އެކަން ބަދަލުކުރުމަށްޓަކައި ތިން ބޭފުޅުންނަށް ވެސް ގަބޫލު ކުރެއްވުނީ، ޔާމީން ވިދާޅުވި، ގޮތުގައި ރޭވުންތަކެއް ރާވައިގެން، ދޫނުދީ، ދުވަސްތަކެއް ވަންދެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ދަންނަވަން ސަރުކާރަށް، ހަމަ މިހާރުން މިހާރަށް، ހައްޔަރުކޮށްފައި ތިބި ނޫސްވެރިން ދޫކޮށްލާށޭ. އަދި އަދުލު އިންސާފުގެ ދާއިރާއަށް ދަންނަވަން، މިހާރު ނެރުއްވައިގެން އެ އުޅޭ 'ގެގު' އޯޑަރު ވެސް ދޫކޮށްލައްވާށޭ،" ޔާމީން ވިދާޅުވި އެވެ.
އޭގެ އިތުރުން، ނޫސްވެރިން ކުރިމަތިކުރި ބައެއް ސުވާލުތަކާ ގުޅިގެން ތިން ރައީސުން ވިދާޅުވީ، އެ ބޭފުޅުން ވެރިކަން ކުރެއްވީ އެންމެ ފުރިހަމަކޮށް ކަމަށް ވިދާޅުނުވާނެ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ ވިއްސަކަށް އަހަރު ފަހަތަށް ދާ މަންޒަރު ކަމަށެވެ.
އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިއީ އިންތިހާއަށް ރައްޔިތުންނަށް ދަތި ދުވަސްވަރެއް ކަމަށެވެ. އެގޮތުން، ޔާމީން ވިދާޅުވީ، ތަކެތި ލިބުމާއި ޑޮލަރުގެ ލިބުން ދަތިވުން ފަދަ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ.
"މި މަސައްކަތް ކުރުމުގައި މުއްދަތުތަކެއްގެ ތެރޭގައި، އަޅުގަނޑުމެން ގަބޫލުކުރާ ސްޓްރެޓަޖީތަކެއް 'ފޮލޯ' ކޮށްގެން ރައީސް މުއިއްޒުގެ ސަރުކާރުން އަޅުގަނޑުމެން މި ގޮވާލާ ގޮވާލުމަށް އިޖާބަދެންދެން މި މަސައްކަތް ކުރިއަށްގެންދަން އަޅުގަނޑުމެން ތިން މީހުން ނިންމައިގެން މި ތިބީ،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް ސޯލިހު ވިދާޅުވީ އެ ތިން ބޭފުޅުންގެ ވެސް ހިޔާލު ތަފާތުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މި ވަގުތު މުހިންމު ވަނީ، ސޯލިހު ވިދާޅުވި ގޮތުގައި، އެ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކޮށްދިނުމެވެ.
އެގޮތުން ސޯލިހު ވިދާޅުވީ އެންމެ މުހިންމު އެއް ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރަން އޮތް ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިފައި ހުރި ހުރަސްތައް ނައްތާލުމެވެ. އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ފެންނަމުންދަނީ ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމުންދާ މަންޒަރެވެ.
"އެހެންވީމަ އަޅުގަނޑުމެން މި އެއްބަސްވީ މި ކަންތައްތައް ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން ތިން މީހުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ރައްޔިތުންނާ އެކީގައި ކުރުމަށް،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އަމަލީ ގޮތުން މަގުމައްޗަށް ނުކުންނަން ޖެހުނަސް، އިހުތިޖާޖެއް ކުރަން ޖެހުނަސް އަދި ނޫސްވެރިންނާ ބައްދަލުކުރަން ޖެހުނަސް އެކަން ވެސް އެ ތިން ބޭފުޅުން ކުރައްވާނެ ކަމަށެވެ.
"މިކަން މި އޮތީ ރައީސް މުއިއްޒު ގައުމަށް މި ކުރިމަތިކުރާ ދަތިތަކާ އުނދަގޫތަކުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށް، އެކަން ކުރަންދެން މިކަމުގައި ދެމިތިބުން،" ސޯލިހު ވިދާޅުވި އެވެ.
ނަޝީދު ވެސް ގޮވާލެއްވީ ވީހާ ވެސް އަވަހަށް، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށެވެ. އަދި އެ ތިން ބޭފުޅުން ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށާއި މިނިވަންކަމާ އެކު ސުވާލު ކުރެވޭނެ ގޮތް ތަނަވަސްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިރޭ ވެސް ބޭނުން ރައީސް މުއިއްޒު ހުރިހާ ނޫސްވެރިން ދޫކޮށްލައި، އެ ނޫސްވެރިންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދެވުމަށް. މިރޭ ވެސް އެ ބޭފުޅާ އެކަން ކުރައްވަންވީ،" ނަޝީދު ވިދާޅުވި އެވެ.
3 ރައީސުން ތިއްބެވީ ސަރުކާރުން 'ދޫކުރަންދެން ދޫނުކުރާ' ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ