ޗެއާޕާސަން ރޭހުގައި މީކާއިލްއަށް ތާއީދު ކުރައްވާކަން ސޯލިހު ހާމަކުރައްވައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް މަގާމު ކަމަށްވާ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއިދުކުރައްވާކަން ރަސްމީ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފި އެވެ. 
އެ މަގާމަށް މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ދެ ކެންޑިޑޭޓުންގެ ވެސް ކެމްޕޭން ފޯރީގައި ކުރިއަށްގެންދާއިރު މިރޭ ބޭއްވި ކުރީގެ ތިން ރައީސުންގެ ނޫސްވެރިންގެ  ބައްދަލުވުމުގައި އަމާޒުވި ސުވާލެއްގައި ސޯލިހު ވަނީ މީކާއިލްއަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. 
"ރައީސް ނަޝީދު އިންތިހާބަށް ނުކުމެވަޑައިގަތީ ތަންކޮޅެއް ފަހުން. މީކާއިލް ތިން މަސް ކުރިން ނުކުމެއްޖެ، ނުކުތް ތަނުން އަޅުގަނޑު މީކާއިލަށް ތާއިދު ކުރާކަން އޮންނާނީ ބުނެފައި. އެ ހިސާބުގައި އެކަން މިއޮތީ
"އަޅުގަނޑުގެ ތާއިދު އޭރު އޮތް ގޮތަށް އޮތީ."
ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ދިފާއުކުރެއްވި އެވެ.
މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ. އަދި މިވަގުތު ވެސް އޭނާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ