ލަންކާއިން ވަގަށް އެތައް މިލިއަން ޑޮލަރު ޑޮލަރު ބޭރުކުރި މައްސަލައެއް ބަލަނީ

މުދާ އިމްޕޯޓްކުރުމުގެ ނަމުގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން ސްރީ ލަންކާއިން އެތައް މިލިއަން ޑޮލަރެއް ބޭރުގައުމުތަކަށް ފޮނުވާފައިވާ ބޮޑު ފޮރިން އެކްސްޗޭންޖް (ބޭރު ފައިސާގެ) ފްރޯޑެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖޭޕާލާ ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި، ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ އާއި ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން އަދި ސްރީ ލަންކާ ކަސްޓަމްސް ގުޅިގެން ހިންގަމުންދާ ތަހުގީގުތަކުގެ ތަފްސީލުތައް ހިއްސާކުރައްވަމުން، ގާނޫނު ހަދާ މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ، ރާވައިގެން ޖަރީމާ ހިންގާ ގުރޫޕުތަކަކުން ގިނަ އަދަދެއްގެ ކުންފުނިތައް ރަޖިސްޓްރީކޮށްގެން އުޅޭ ކަމަށެވެ. އަދި އެ ގައުމަށް މުދާ އެތެރެކުރާ ކަމުގެ ދޮގު މައުލޫމާތު ދީ، ބޭރުގެ ފަރާތްތަކަށް ފައިސާ ފޮނުވުމަށްޓަކައި ޓީޓީ ބޭނުންކޮށްފައިވާ ކަމަށާއި މިގޮތަށް 85 މިލިއަން ޑޮލަރު ގައުމުން ބޭރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.  
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އެއް ކުންފުންޏަކުން އެކަނިވެސް 953 މުއާމަލާތަކުން 26 ގައުމެއްގައި ހުރި 256 ކުންފުންޏަކަށް 12.89 ބިލިއަން ރުޕީސް ފޮނުވާފައިވެ އެވެ. މީގެ ސަބަބުން ގައުމުން ބޭރުވި ފައިސާގެ އަދަދު 42.7 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. ތަހުގީގު ކުރާ ފަރާތްތަކަށް ހޯދިފައިވާ ގޮތުގައި، މި ފައިސާއާ ގުޅޭ އެއްވެސް މުދަލެއް ސްރީ ލަންކާއަށް އެތެރެކޮށްފައެއް ނުވެ އެވެ.
މަސްތުވާތަކެތީގެ ތަހުގީގަކާ ގުޅިގެން ހިންގި ދެވަނަ ތަހުގީގެއްގައި އެހެން ކުންފުންޏެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެ ކުންފުނިން ހާޑްވެއާ ސާމާނާއި، ފާހާނާއަށް ބޭނުންކުރާ ފިޓިންގްސް އަދި ރަނުގެ އުފެއްދުންތައް ފަދަ ތަކެތި އިމްޕޯޓްކުރާ ކަމަށް ބުނެ، ހަތަރު ބޭންކު އެކައުންޓެއް މެދުވެރިކޮށް ގާތްގަނޑަކަށް 13 ބިލިއަން ރުޕީސް ބޭރުގައުމުތަކަށް ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. ކަމާބެހޭ ފަރާތްތަކުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެފަދަ އެއްވެސް މުދަލެއް އިމްޕޯޓްކޮށްފައެއް ނުވެ އެވެ. އަންދާޒާކުރެވޭ ގޮތުގައި މި މުއާމަލާތްތަކުގައި އިތުރު 43 މިލިއަން އެމެރިކާ ޑޮލަރު ވަނީ ގައުމުން ބޭރުކޮށްފަ އެވެ.
ވިޖޭޕާލާ ވިދާޅުވީ، ސްރީ ލަންކާ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން ފެށި ތިންވަނަ ތަހުގީގަކުން އެނގުނު ގޮތުގައި، 2023 އާއި 2025 އާ ދެމެދު 13 ބޭންކެއްގެ 224 ބޭންކު އެކައުންޓެއް ބޭނުންކޮށްގެން، 26،108 ޓީޓީ މުއާމަލާތް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވާފައިވެ އެވެ. ތަހުގީގު ކުރާ ފަރާތްތަކުން ވަނީ މި ހަރަކާތާ ގުޅުންހުރި އެ ގައުމުގެ 105 ކުންފުންޏެއް ދެނެގެންފަ އެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކަކީ ވަރަށް މަދު ބައެއްގެ ނަމުގައި ރަޖިސްޓްރީކުރުމަށް ފަހު، ދުވަސްކޮޅެއްގެ ތެރޭ ބަންދުކޮށްފައިވާ ކުންފުނިތަކެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަގުތީ ހޯދުންތަކުން ދައްކާ ގޮތުގައި ބޭރަށް ފައިސާ ފޮނުވުމަށްޓަކައި 'ޝެލް ކުންފުނިތައް' ނުވަތަ 'ކަރުދާސް ކުންފުނިތައް' ތަކުރާރުކޮށް ހަދައި، ފައިސާ ފޮނުވުމަށްފަހު ދަނީ އުވާލަމުންނެވެ. އެހެންވެ މި ކަންކަމާ މަނީ ލޯންޑްރިން އާއި ފޮރިން އެކްސްޗޭންޖް ގާނޫނުތަކާ ހިލާފުވުމާއި އެހެނިހެން ޖިނާއީ ކުށްތަކާ ގުޅުން ހުރި ކަމަށް ވަނީ ބެލެވިފަ އެވެ.  
އޭނާ ވިދާޅުވީ، މުދާ އެތެރެކުރާ ކުންފުނިތައް ސްރީ ލަންކާ ކަސްޓަމްސްގައި ރެޖިސްޓްރީވުމަށް މަޖުބޫރުކުރުމާއި، އިމްޕޯޓް ހަރަކާތްތަކުގައި ޓެކްސް އައިޑެންޓިފިކޭޝަން ނަމްބަރު (ޓީއައިއެން) ބޭނުންކުރަން ޖެހޭ ގޮތް ހެދުން ހިމެނޭހެން، ސަރުކާރުން މިހާރުވެސް ފާރަވެރިކަން އިތުރުކޮށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނާ ހިލާފުވާ ހިލާފުވުންތަކަކީ، އެންޓި-މަނީ ލޯންޑްރިންގް ގާނޫނުތަކުގެ ދަށުން ތަހުގީގު ކުރެވޭނެ ކުށްތަކެއްގެ ގޮތުގައި އަލުން ކަނޑައެޅުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ރާވަމުންދާ ކަމަށް ވެސް ވިޖޭޕާލާ ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާއިރު، ދައުލަތުގެ އޮފިޝަލުން ނުވަތަ ބޭންކިން ދާއިރާގެ މުވައްޒަފުން އަދާކުރަންޖެހޭ ޒިންމާތަކުން ރެކިފައިވޭތޯ ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ