ހަރުކަށި ފިޔަވަޅުތަކާއެކު އިންޑިއާގެ މެޑިކަލް ކޮލެޖް އެންޓްރެންސް ޓެސްޓު ދެވަނަ ފަހަރަށް ބާއްވައިފި

އިންޑިއާގެ މެޑިކަލް ދަރިވަރުންގެ މެދުގައި ބޭއްވި ފުރަތަމަ އިމްތިހާނުގެ ކަރުދާސްތައް ލީކުވި ކަމަށް ބުނެ، އިމްތިހާން ކެންސަލް ކުރުމަށް ފަހު، އިތުރު ސަލާމަތީ ފިޔަވަޅުތަކާ އެކު މިލިއަނަކަށް ވުރެ ގިނަ ދަރިވަރުންނާ އެކު އިމްތިހާން ދެ ވަނަ ފަހަރަށް ބާއްވައިފި އެވެ.
އާދީއްތަ ދުވަހުގެ ހެނދުނު އިމްތިހާނު މަރުކަޒުތަކަށް ދިޔަ ނުތަނަވަސްވެފައި ތިބި ދަރިވަރުންނަށް ކުރިމަތިލާން ޖެހުނީ، ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ޗެކްތަކާއި، މެޓަލް ޑިޓެކްޓަރުތަކާއި، ހަތިޔާރު އެޅި ފުލުހުންގެ ޕެޓްރޯލްތަކުގެ އިތުރުން ހަށިގަނޑު ފާސްކުރުމުގެ ވަރުގަދަ މަރުހަލާތަކާ އެވެ.
މިފަހަރު އެއްވެސް އިހުމާލަކަށް ފުރުސަތު ނުދިނުމުގެ ގޮތުން، އިންޑިއާގެ އެއާފޯސް މެދުވެރިކޮށް ބައެއް ސަރަހައްދުތަކަށް އާ އިމްތިހާނު ކަރުދާސްތައް އުފުލާފައިވާ އިރު، މުޅި ގައުމުގެ 5،440 އިމްތިހާނު މަރުކަޒެއްގައި ފުލުހުންނާއި ޕެރާމިލިޓަރީ އޮފިސަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.
"ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް" (ނީޓް-ޔޫޖީ) އަކީ އިންޑިއާގެ މެޑިކަލް ކޮލެޖުތަކުން ޖާގަ ހޯދުމަށް ދަރިވަރުން ފުރިހަމަކުރުން މަޖުބޫރު އިމްތިހާނެކެވެ.
ކޮންމެ އަހަރަކު އެތައް މިލިއަން ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވި ނަމަވެސް، ކޮލެޖުތަކުން ލިބެން ހުންނަ މަދު ޖާގަތައް ކާމިޔާބު ކުރެވެނީ ވަރަށް ކުޑަ އިންސައްތައެއްގެ ދަރިވަރުންނަށެވެ.
މިދިޔަ މޭ މަހުގެ ތިން ވަނަ ދުވަހު ބޭއްވި އިމްތިހާނުގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން ބައިވެރިވިއިރު، މީގެ ތެރެއިން ގިނަ ދަރިވަރުންނަކީ އިމްތިހާނަށް ތައްޔާރުވުމަށް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ކިޔަވާފައިވާ ކުދިންނެވެ.
އިމްތިހާނު ބާތިލުކުރި ހަބަރާއެކު ގިނަ ދަރިވަރުންނަށް ބޮޑު މާޔޫސްކަމެއް ލިބުނު އިރު، މި މައްސަލައިގައި ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއްކޮށް، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ.
ނަމަވެސް މިނިސްޓަރު އިސްތިއުފާ ނުދެއްވައި، އާދީއްތަ ދުވަހުގެ އިމްތިހާނުގެ ކުރިން ދަރިވަރުންނަށް ވިދާޅުވީ، "އެއްވެސް ބިރުވެރިކަމެއް ނެތި، ކަންބޮޑުނުވެ އިމްތިހާނުގައި ބައިވެރިވުމަށާއި، ކާމިޔާބީ ލިބޭނެ" ކަމަށެވެ.
ނޭޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) އިން ބުނި ގޮތުގައި، އިމްތިހާނު ބޭއްވި 95،000 އަށް ވުރެ ގިނަ ހޯލުތަކުގެ ތެރެއިން ކޮންމެ ހޯލެއްގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާ އިރު، ޖުމްލަ 1.3 މިލިއަނަށް ވުރެ ގިނަ ކެމެރާ ވަނީ ބޭނުންކޮށްފަ އެވެ.
މީގެ އިތުރުން، ފޯނު ސިގްނަލްތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް ބްލޮކް ކުރުމަށް 51،311 ޖޭމަރު ބޭނުންކޮށްފައިވެ އެވެ. އަދި މެސެޖިން އެޕްލިކޭޝަން "ޓެލެގްރާމް" މެދުވެރިކޮށް ކޮޕީ ކުރަން ފުރުސަތު ލިބިދާނެތީ، ހޯމަ ދުވަހާ ހަމައަށް އެ އެޕްލިކޭޝަން ވަނީ ވަގުތީ ގޮތުން ބްލޮކްކޮށްފަ އެވެ.
އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބައެއް މަރުކަޒުތަކުގެ ވަށައިގެންވާ ސަރަހައްދުތައް ބެލެހެއްޓުމަށް ޑްރޯން އާއި ތަމްރީނުކޮށްފައިވާ ކުއްތާގެ ފައުޖުތައް ވެސް ވަނީ ބޭނުންކޮށްފަ އެވެ.
އަދި ހެދުން އެޅުމުގެ ހަރުކަށި އުސޫލުތަކެއް ތަންފީޒުކޮށްފައިވާ އިރު، ހިންދޫ ދީނުގެ ބައެއް އަންހެން ކުދިންގެ އަތުގައި އައްސާފައި ހުންނަ ރޮދިފަށްތައް ނެގުމަށް ވެސް ވަނީ އަންގާފަ އެވެ.
ތިން ގަޑިއިރާއި 15 މިނެޓަށް ދެމިގެންދާ މި އިމްތިހާނުގައި ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީއާ ގުޅޭ 180 ސުވާލު ހިމެނެ އެވެ.
ގިނަ ދަރިވަރުން މި އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ޕްރައިވެޓް ޓިއުޝަން ނަގާއިރު، އިމްތިހާނުގެ އުނދަގޫކަމާއި ކޮލެޖު ޖާގަތަކަށް އޮންނަ ވާދަވެރިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، އިންޑިއާގެ ކުށްކުރާ ގްރޫޕްތަކުން އިމްތިހާނުގެ މަކަރު ހެދުމުގެ ވިޔަފާރި ފުޅާކޮށްފައިވެ އެވެ.
ކަރުދާސް ލީކުވި ކަމަށް ބުނާ މައްސަލަތައް މިހާރު ވަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގު ކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ