ފީނުމާއި މޫދު ކުޅިވަރުގެ ދާއިރާއަށް އަމާޒުކޮށް، ޒަމާނީ ވަސީލަތްތަކާ އެކު ފަރުމާކޮށްފައިވާ އާ ޖީލުގެ އުޅަނދެއް ކަމަށްވާ 'ޔުނިކްރާފްޓް 55' ޔުނިވާސަލް ބޯޓްޔާޑުން ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އުޅަނދަކީ ދިވެހިންގެ ދޯނިފަހަރު ބަނުމުގެ ސަގާފީ ގޮތްތަކާއި ކަނޑުދަތުރުފަތުރުގެ ޒަމާނީ އީޖާދުތައް އެއްކޮށްލައިގެން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. ސައްތަ އިންސައްތަ ދިވެހި ފަރުމާއަކަށް ބިނާކޮށްފައިވާ މި އުޅަނދަކީ ފީނުމާއި ސްނޯކްލިން، މަސްވެރިކަން އަދި ރަށްރަށަށް ދަތުރުދިއުން ފަދަ ތަފާތު ކަންކަމަށް ބޭނުންކުރެވޭނެ އުޅަނދެކެވެ.
ތަފްސީލް - 'ޔުނިކްރާފްޓް 55'ގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ފީނުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަވާނެހެން އުޅަނދުގެ އެތެރެ ތަރުތީބުކޮށްފައިވުމެވެ. އެގޮތުން، ތެތް ހިސާބުތަކާއި ހިކި ހިސާބުތައް ވަކިކޮށްފައިވުމުގެ އިތުރުން، ފީނުމަށް ބޭނުންކުރާ ސާމާނު ރައްކާކުރާނެ ތަނަވަސް ޖާގައެއް މި އުޅަނދުގައި ހިމެނެ އެވެ. އަދި ޑައިވްތަކުގެ މެދުތެރެއިން އަރާމުކޮށްލުމަށް ހާއްސަ 'ހާޑްޓޮޕް' ރިލެކްސޭޝަން އޭރިއާއެއް ވެސް މި އުޅަނދުގައި ވަނީ ފަރުމާކޮށްފަ އެވެ.
ދުވެލީގެ ގޮތުން ބަލާއިރު، މި އުޅަނދު ގަޑިއަކު 18 ނޮޓްގެ ބާރުމިނުގައި ދަތުރުކުރެ އެވެ. މިއީ ރާއްޖޭގައި މިހާރު ބޭނުންކުރާ އާދައިގެ ޑައިވް ދޯނިފަހަރަށް ވުރެ މާ ހަލުވި ދުވެއްޔެކެވެ. މީގެ ސަބަބުން ޑައިވް ސައިޓްތަކަށް ދިއުމަށް ހޭދަވާ ވަގުތު ކުޑަވެ، ފަތުރުވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ އެވެ. އަދި އުޅަނދުގައި ތުރުތުރުލުން ކުޑަވެފައި ދަތުރުވެރިންނަށް އަމާން އަދި އަރާމު ދަތުރެއް ކަށަވަރުކޮށްދެ އެވެ.
ބުނީ ކީކޭ؟ - "ޔުނިކްރާފްޓް 55އަކީ އަޅުގަނޑުމެން ދިވެހި ސަގާފަތަށް ދޭ އަހަންމިއްޔަތާއި ޒަމާނީ އީޖާދުތަކަށް ކުރާ މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން ބޭނުންވީ މިއަދުގެ އޮޕަރޭޓަރުންގެ ބޭނުންތަކަށް ފުދޭ އަދި ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ލިބޭނެ އުޅަނދެއް އުފައްދަން. މިއީ ރާއްޖޭގައި ފަރުމާކޮށް ބަނދެފައިވާ އުޅަނދެއް ކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން،" ޔުނިވާސަލް ބޯޓްޔާޑުގެ ޖެނެރަލް މެނޭޖަރު ޝަމީމް މުހައްމަދު ވިދާޅުވި އެވެ.
'ޔުނިކްރާފްޓް 55'އާ އެކު ޔުނިވާސަލް ބޯޓްޔާޑުން އަންނަނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ފެންވަރު ރަނގަޅު، ދިގު މުއްދަތަށް ބޭނުންކުރެވޭނެ އަދި ދިވެހިވަންތަ ޒަމާނީ ހައްލުތައް ފޯރުކޮށްދެމުންނެވެ.
ޔުނިވާސަލްއިން ފީނުމާއި މޫދު ކުޅިވަރަށް ހާއްސަ އުޅަނދެއް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ