އިރާގާއި ދެކޮޅަށް އެމްބާޕޭގެ 100 ވަނަ މެޗު

ފީފާ ވޯލްޑްކަޕްގެ ގްރުޕް އައި ގައި މިރޭ އިރާގާއި ދެކޮޅަށް ފްރާންސް ކުޅޭ މެޗަކީ ކެޕްޓަން ކިލިއަން އެމްބާޕޭ ފްރާންސަށް ކުޅެދޭ 100 ވަނަ މެޗެވެ.
އެމެރިކާގެ ފިލަޑެލްފިއާގައި ކުޅޭ މި މެޗަށް އެމްބާޕޭ ނިކުންނައިރު އޭނާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ފްރާންސް މޮޅުވިއިރު, އެ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.
އެމްބާޕޭ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 58 އަށް އަރާފަ އެވެ. އަދި ފީފާ ވޯލްޑްކަޕްގައި އެމްބާޕޭ ވަނީ 14 ލަނޑު ޖަހާ ފްރާންސް އިން މިހާތަނަށް ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. 1958 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ޝަރަފު އޮތީ ޖަސްޓް ފޮންޓޭން އަތުގަ އެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭ ވަނީ 2018 ވަނަ އަހަރު ފްރާންސް އިން ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ތިން ލަނޑު އޭނާ ވަނީ ޖަހާފަ އެވެ.
މިރޮސްލާވް ކްލޯސާ އާއި ލިއޮނެލް މެސީ ފީފާ ވޯލްޑްކަޕްގައި 16 ލަނޑު ޖަހާފައިވާއިރު މި ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުސަތު އެމްބާޕޭ އަށް ވަނީ ހުޅުވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ